އަންހެނުން ހައިލުވުމުން ބޭނުންކުރާ ތަކެތި (ސެނިޓަރީ ޕްރޮޑަކްޓްސް) ހިލޭ ދޭ ފުރަތަމަ ގައުމަކަށް ހެދުމުގެ މަސައްކަތް ސްކޮޓްލޭންޑުން ފަށައިފިއެވެ.
އިއްޔެ ވަނީ އެކަމާ ގުޅިގެން ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލް ފާސްވެއްޖެ ނަމަ އެގައުމު ވާނީ ހުރިހާ ސެނިޓަރީ ޕްރޮޑަކްޓްސްތަކެއް (އޭގެ ތެރޭގައި ޓެމްޕޮންސް އާއި ޕެޑްސް) ހިލޭ ލިބިގެންދާނެ ފުރަތަމަ ގައުމަށެވެ.
މައްސަރު ކަންތަކުގައި ބޮޑެތި ހަރަދުތަކެއް ހިނގާތީ އެއަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެބިލު ފުރަތަމަ ތައްޔާރުކުރީ 2017 ވަނަ އަހަރުއެވެ. ސްކޮޓްލޭންޑުގެ މަޖިލީހުގައި މިއަދު އެ ބިލް ފާސްކުރުމަށް ތާވަލް ކޮށްފައިވާއިރު ހުރިހާ ޕާޓީތަކެއްގެ މެންބަރުންވެސް ވަނީ ބިލް އެންޑޯސްކޮށްފައެވެ.
ބިލް ތައްޔާރުކުރި ފަރާތްކަމުގައިވާ ސްކޮޓްލޭންޑުގެ ލޭބާ ޕާޓީގެ މެންބަރު މޮނިކާ ލެނޮން ހުށަހެޅި ބިލްގައި ބުނީ މި ގޮތަށް ފާސްވެއްޖެ ނަމަ އަހަރަކު 9.7 މިލިޔަން ޕައުންޑް އެކަމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
2018 ގައި ނެގި ވޯޓަކުން އެނގުނު ގޮތުގައި އިންގްލޭންޑާއި ސްކޮޓްލޭންޑާއި ވޭލްސްގައި 25 ޕަސެންޓް އަންހެނުން ކޮންމެ މަހަކުވެސް ގިނަ ދުވަސްތަކެއް ސްކޫލާއި އޮފީހަށް ދިޔުމުން މަހުރޫމް ވަނީ ޕީރިއަޑްވުމުން ބޭނުންވާ ސެނިޓަރީ ޕްރޮޑަކްޓްސް ގަތުމަށް ފައިސާ ނެތުމުންނެވެ.
އެމައްސަލަ ބޮޑުވެ، އިންގްލޭންޑާއި ވޭލްސްގައި ސެނިޓަރީ ޕްރޮޑަކްޓްސް ޕްރިމަރީ އަދި ސެކަންޑަރީ ސްކޫލުތަކުގައި ހިލޭ ބަހަން ފެށިއެވެ.
ސްކޮޓްލޭންޑުގެ ފްރީޕީރިއެޑްސް ކެމްޕެއިންގެ ފައުންޑާ އަމިކާ ޖޯޖް ބުނީ، ގްރާސްރޫޓް ލެވެލްއިން ފެށިގެން އެމީހުން މަސައްކަތް ކުރަމުން އަންނަނީ ގައުމުގެ ކޮންމެ ކުއްޖަކުވެސް ސްކޫލަށް ދާއިރު އޭނާ ޕީރިއަޑްވެއްޖެ ނަމަ ދެން ހަދާނެ ގޮތަކާމެދު ކަންބޮޑު ނުވެ އުޅެވޭނެ ދުވަހެއް ހޯދައިދިނުމަށެވެ.
ޕައިލެޓް ސްކީމެއްގެ ދަށުން ސްކޮޓްލޭންޑުގައި 2018ގައި ވަނީ ބޮޑު އާމްދަނީއެއް ނުލިބޭ ގޭގެއަށް ސެނިޓަރީ ޕްރޮޑަކްޓްތައް ހިލޭ ބަހާފައެވެ.