މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންގާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފިއެވެ.
އިސްލާމީ ގައުމުތަކުގެ ފަރާތުން ގެމްބިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން މިނިސްޓަރު ޝާހިދު އިއުލާން ކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ސެޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ، ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ކިޔައި އެ މައްސަލަ ކޯޓަށް ގެންދިޔަކަމަށްޓަކައި ގެމްބިއާއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ނިކުންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ކެބިނެޓަށް ފެނިވަޑައިގަންނަވާތީ އަވަސް މުސްތަގުބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އެކޯޓަށް ލިޔުން ހުށަހަޅާނެ ކަމަށެވެ.
މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އާމާލް ކްލޫނީއެވެ.
ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ގެމްބިއާއިން ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ މައްސަލައިގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމުން" ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެގައުމަށް އަމުރުކޮށްފައެވެ.
އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާ ކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ނިންމިއެވެ.
އެހެންކަމުން ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސް ދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން ހަ މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.