މިއަދުން މިއަދަށް ކޯލިޝަން އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މިނިސްޓްރީ ތަކާއި، ސަރުކާރު ކުންފުނިތަކަށް ސަރުކާރު ކޯލީޝަންގެ ބޭފުޅުން ހިމެނުމުން އެފަރާތްތަކުން ސަރުކާރަށް ޖެއްސުން ކުރަމުން އަންނަ ކަމަށެވެ. އަދި މިބިލުން ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި އަނެއްކާ މުއައްސަސާއެއް އުފައްދައި، ސަރުކާރު ކޯލީޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ މެންބަރުން ހިމެނުމުން އިތުރަށް ޖެއްސުން ބޮޑުވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، މަސްވެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް ބޭނުންވާ ކަންކަން ހިމަނައިގެން މަޖިލީހުން މަސްވެރިކަމުގެ ބިލެއް ވެސް ފާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓަރަށް މަސްވެރިންގެ ހާލަތު އެނގިވަޑައިގަންނަވާތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ފިޝަރީސް މިނިސްޓްރީ ފެއިލްވެފައިވާ ކަަށާއި، މިނިސްޓަރު އިސްތިއުފާ ދެއްވުމަށްފަހު، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރެވޭ ބޭފުޅަކަށް މިނިސްޓަރުކަން ދިނުން މުހިއްމު ކަމަށެވެ. އަދި ސަރުކާރަށް ސަނާ ކިޔައި މަޖިލީހުގައި ވަރަށް ރީތި ވާހަކަ ދެއްކިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތް ވާން ޖެހޭ ކަމަށާއި، ކަންކަން ގޯސްކޮށް ދަންޏާ އެވާހަކަ ދައްކާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރު ކޯލީޝަންގައި ހިމެނޭ ފަރާތްތަކުން ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ، އެމްޑީޕީގެ ސަރުކާރެކޭ ބުނާތީ ކޯލީޝަން ޕާޓްނަރުން ރުޅި އައިސް ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މިއަދުން މިއަދަށް ކޯލީޝަން އުވާލައި، މިގައުމަށް ހެޔޮ ވެރިކަމެއް ގެނައުމަށް މިނިސްޓްރީ ތަކުގެ ބާރު އެމްޑީޕީއަށް ނަގަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އެމްޑީޕީގެ ސަރުކާރެކޭ ބުނާތީ ކޯލީޝަން ޕާޓްނަރުން ރުޅި އަންނަނީ، ރުޅިއައިސްގެން ޖެއްސުން ކުރުން ނޫން ކަމެއް ނުކުރޭ، މިއަދުން މިއަދަށް އެބަ އުވާލަން ޖެހޭ، އިއްޒަތްތެރި ރައީސް ކޯލީޝަން އުވާލައިފަ އެމްޑީޕީން ހެޔޮ ވެރިކަމެއް މިގައުމުގައި ކުރުމަށްޓަކައި މިނިސްޓްރީތަކުގެ ބާރު އެމްޑީޕީއަށް އެބަ އަންނަން ޖެހޭ މިރާއްޖޭގެ ރައްޔިތުން ގަބޫލު ކުރަނީ އެމްޑީޕީ،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެން އަންނަ ރިޔާސީ ދައުރަކަށް އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދޭން ކޯލިޝަން ޕާޓަނަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.