ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

އަންނަ މަހު ނިއު ރޭޑިއަންޓުގެ ޖާޒީ ވިއްކަން ފަށަނީ

އައިދާ އަބްދުލް ހަކީމް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެޓީމުގެ ސަޕޯޓަރުންތަކެއް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޓީމަށް ހެޔޮއެދޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޑިޒައިން ކުރި ޖާޒީ އަންނަ މަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ވިއްކަން ފަށަން ނިންމާފައިވާ ކަމަށް އެޓީމުން ބުނެފިއެވެ.

"އަހަރެންގެ ޓީމު، އަހަރެންގެ ހިއްސާ" ޝިއާރުގެ ދަށުން 3.000 ޖާޒީ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ސަޕޯޓަރުންގެ ޓީމުން ބުންޏެވެ. އެޓީމުން ބުނީ ކުދިބޮޑު އެންމެން ހިމެނޭހެން ހުރިހާ ސައިޒެއްގެ ޖާޒީ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އެންމެ ކާމިޔާބީ ކުލަބު އަލުން އަނބުރާ ގެނައުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން ޖާޒީ ގަތުމަށް ސަޕޯޓަރުންގެ ޓީމުން ވަނީ އެދިފައެވެ. ޖާޒީގެ އަގަކީ 500 ރުފިޔާއެވެ.

ކުޅުންތެރީންނަށް ދޭންޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖުމްލަ 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ތިން މިލިއަން ރުފިޔާ ދީފައި ނުވާތީ އެކަން ހަލާސްކުރުމަށް އެފްއޭއެމް އިން އެތައް ފަހަރަކު މުހުލަތުތަކެއް ނިއުރޭޑިއަންޓް ދިނެއެވެ. ނިއު ރޭޑިއަންޓް މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެޓީމުގެ ސަޕޯޓަރުންތަކެއް ވަނީ މަސައްކަތްތަކެއް ފަށައިފައެވެ.

އެފްއޭއެމް އިން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމާއެކު އެކުލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ވަނީ އިސްތިއުފާދެއްވައިފައެވެ. ޒިޔާދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްޓިން ޗެއާމަނަކަށް އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ ހަމަޖައްސިއެވެ. އެހެންނަމަވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކުރެވިގެންދިޔަ ތަނެއް ނުފެނުނެވެ.

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑު ކުރުމުން ނިއު ރޭޑިއަންޓް އަލުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތުގެ ތެރެއިން އެކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވެސް މިދިޔަ އަހަރުގެ މައި މަހު ބައްދަލުކުރެއްވިއެވެ.