ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސަޕޯޓަރުންނަށް އަންނަ ހަފްތާގައި އުފާވެރި ހަބަރެއް ލިިގެންދާނެކަމަށް އެކުލަބުން ބުނެފިއެވެ.
ކުޅުންތެރީންނަށް ދޭންޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ނިއު ރޭޑިއަންޓް މިހާރު އޮތް ހާލަތުން ސަލާމަތްކުރުމަށްޓަކައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެޓީމުގެ ސަޕޯޓަރުންތަކެއް ވެސް ވަނީ މަސައްކަތްތަކެއް ފަށައިފައެވެ.
"ވަން" އަށް މައުލޫމާތުދެމުން ނިއު އިން ބުނީ އެ މަސައްކަތުގެ ތެރެއިން ނިއުގެ އައު ޖާޒީ ވިއްކުމުގެ ހަރަކާތަކާއި އަދިވެސް އިތުރު މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ލީގުން އެކްލަބު ފެނިގެންދިއުން ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެފްއޭއެމްއާއެކު ވާހަކަދެކެވެމުން އަންނަ ކަމަށް ނިއުއިން ބުންޏެވެ. އަދި ސަޕޯޓަރުންނަށް އަންނަ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު އުފާވެރި ހަބަރެއް ލިިގެންދާނެ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.
އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާއެކު އެކުލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ވަނީ އިސްތިއުފާދެއްވައިފައެވެ. ޒިޔާދު އިސްތިއުފާދެއްވުމާ ގުޅިގެން އެކްޓިން ޗެއާމަނަކަށް އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ ހަމަޖައްސިއެވެ. އެހެންނަމަވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކުރެވިގެންދިޔަ ތަނެއް ނުފެނުނެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖުމްލަ 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ތިން މިލިއަން ރުފިޔާ ދީފައި ނުވާތީ އެކަން ހަލާސް ކުރުމަށް އެފްއޭއެމުން އެތައް ފަހަރަކު ނިއި ރޭޑިއަންޓަށް މުހުލަތުތަކެއް ދިނެއެވެ.
އެފްއޭއެމުން ފިޔަވަޅު އެޅުމާ ގުޅިގެން ނިއުރޭޑިއަންޓުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމުން ނިންމި ނިންމުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫން ކަމަށާއި ކުޅުންތެރީންނަށް މުސާރަ ނުދޭ އެހެން ކުލަބުތައްވެސް ހުރިއިރު، ހަމައެކަނި އެ ކުލަބާ މެދު ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 2016 އިން ފެށިގެން އެފްއޭއެމުން އެކުލަބަށް ދޭންޖެހޭ ފައިސާ ނުދޭކަން ފާހަގަކޮށް ބަޔާނުގައި ބުނީ ކުޅުންތެރީންނަށް ނުދެވި ހުރި މުސާރަ ދިނުމަށް ކުލަބުން ކުރާ މަސައްކަތް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމެޓީއާ ހިއްސާކުރުމުން އެކަމަށް ތައުރީފުކޮށްފައިވާ ކަމަށެވެ. އަދި އެފްއޭއެމުން އެކުލަބާ މެދު އެޅި ފިޔަވަޅަށް އެއްވެސް ބެލުމެއްނެތި ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ކުރިއަށްދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑު ކުރުމުން ނިއު ރޭޑިއަންޓް އަލުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތުގެ ތެރެއިން އެކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވެސް މިދިޔަ އަހަރުގެ މައި މަހު ބައްދަލުކުރެއްވިއެވެ.