ޝަހީދާ އަބްދުﷲ ސައީދު
އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ ޢިލްމުވެރިންގެ ލަފާއާއި އިރުޝާދާއެކު ދިވެހިރާއްޖޭގެ ދީނީ ކަންކަން ރަނގަޅު ކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި އިލްމުވެރިންނާ އެކު ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޒާހިރު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީ އިން އަބަދުވެސް ވާނީ ޢިލްމްވެރިންނާ އެކުގައި ކަމަށާއި ޢިލްމްވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންވަނީ ޢިލްމްވެރިން ޚިޔާލުފާޅު ކުރައްވާފައެވެ. ބައްދަލުވުމުގައި މިނިސްޓްރީގެ ޕާރމަންނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި ރާއްޖޭގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. އަޙްމަދު ޒާހިރު ޢަލީ ޢިލްމްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީވަނީ މިނިސްޓްރީ އާއި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މުއައްސަސާތަކުގެ މުއައްޒަފުންނާ ބައްދަލުކުރައްވާފައެވެ.