ދުނިޔެ

މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތީރު އިސްތިއުފާދެއްވައިފި

މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

މަހާތިރު ކުއްލިގޮތަށް އެގައުމުގެ ރަސްގެފާނަށް ހުށަހެޅުއްވި މި އިސްތިއުފާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މަހާތީރު އިސްތިއުފާ ދެއްވާފައި މި ވަނީ މަހާތިރު އޭނާ އިސްވެ ހުންނަވައި، އިތުރު ކޯލިޝަނެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކެއް ކުރެވި، އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ވެސް ބައެއް ފަރާތްތަކުން ފަށާފައި ވަނިކޮށެވެ.

އުމުރުން 94 އަހަރުފުޅުގެ މަހާތިރަކީ ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ، ބޮޑު ވަޒީރެވެ. އޭނާ އެންމެ ފަހުން އެ މަގާމަށް ހޮވިވަޑައިގަތީ 2018ގައެވެ. އެއީ އޭރުގެ ބޮޑު ވަޒީރު ނަޖީބް ރަޒަކްއާ ވާދަކުރައްވައިގެންނެވެ. އޭގެ ކުރީން މަހާތީރު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަން 1981 އިން ފެށިގެން 2003 ވަނަ އަހަރާއި ހަމަޔަށް ކުރައްވާފަ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ އޮފީހުން ބުނީ މަހާތިރުގެ އިސްތިއުފާ ވަނީ މިއަދު މެލޭޝިޔާ ގަޑިން އެކެއްޖެހި އިރު ލިބިފައި ކަމަށެވެ.

މަހާތިރުގެ މި އިސްތިއުފާއާ އެކު ދެން މެލޭޝިޔާގެ ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއް ކަމެއް އަދި ނޭނގެއެވެ. ނުވަތަ އެގައުމުން އަނެއްކާވެސް ބޮޑު ވަޒީރަކު ހޮވުމަށް އިލެކްޝަނެއް ބާއްވާނީތޯވެސް އެއީ އުފެދޭ ސުވާލެކެވެ.