އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމަށް ވަޑައިގެންފިއެވެ.
ޓްރަމްޕް އިންޑިއާއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.
މިދަތުރުފުޅަކީ އެމެރިކާއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރައްވާ ދަތުުރުފުޅެއްކަމަށް މީގެ ކުރިން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ މިދަތުރުފުޅުގައި އިންޑިއާގެ އެއްލައްކައަށް ވުރެ ގިނަ މީހުންގެ އޯޑިއަންސަކާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާނެކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދެއެވެ. އެ ހަފުލާ ބާއްވަނީ އިންޑިއާގެ އަހުމަދުއާބާދު ގައި ހުންނަ ކްރިކެޓް ސްޓޭޑިއަމުގައެވެ. އެ ސްޓޭޑިއަމަށް ދާން އޮންނަ މަގުތަކުގައި 22 ކިލޯމީޓަރަށް ބިލްބޯޑުތަކާއި ފޮޓޯތައް ހިފައިގެން މީހުން ތިބިކަމަށް ރިޕޯޓަތައް ބުނެއެވެ.
ސްޓޭޑިއަމަށް ދާން އޮންނަ މަގުގެ ދެކޮޅުގައި އިންޑިއާގެ އެކި ސްޓޭޓް ތަކުގެ ނެށުންތެރިންވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
ސްޓޭޑިއަމަށް ދިޔުމުގެ ކުރިން ޓްރަމްޕް އަދި އަނބިކަބަލުން މެލޭނިއާ ވަނީ އިންޑިއާގެ ލީޑަރެއް ކަމަށްވާ މަހާތުމާ ގާންދީގެ އުފަން ގެކޮޅު އަދި 13 އަހަރު ވަންދެން ދިރިއުޅުއްވި ގެކޮޅަށް ޒިޔާރަތް ކުރައްވާފައެވެ.
އިންޑިއާއަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޓްރްމްޕް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވަން ފައްޓަވައި އެދަތުރަށް ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
"އެތައް މިލިޔަން މީހުނެއް ތިބޭނެ. ވަރަށް ދިގު ދަތުރެއްމީ. ބޮޑު ވަޒީރު މޯދީ އަކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް. ވަރަށް ބޮޑު އިވެންޓެއް އޮތީ. އިންޑިއާގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިވެންޓް ކަމަށް އަހަންނަށް އަޑުއިވިފައި އޮތީ" ޓްރަމްޕް ދެއްވި ވީޑިއޯ އިންޓަވިއުގައި ވިދާޅުވިއެވެ.