ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ރައްދުކުރި ބޭއަދަބީ ބަސްތައް ހިމެނޭ އޯޑިއޯއާ ގުޅިގެން އަލީ ވަހީދު ކަމަށް ބުނާ މީހާ އާއި އައިޝާ ކަމަށް ބުނާ މީހާ ވާހަކަދައްކާ އޯޑިއޯ ލީކު ކޮށްލައިފިއެވެ.
އެ އޯޑިއޯ ލީކު ކޮށްލާފައިވަނީ މީގެ ކުރިން ވެސް އަލީ ވަހީދު ކަމަށް ބުނާ މީހާގެ އޯޑިއޯތައް ލީކު ކޮށްލި ޓުވިޓާ އެކައުންޓުންނެވެ.
ދޮޅު މިނެޓެއްހާ ދިގު އެ އޯޑިއޯގައި ފުރަތަމަ އަޑު އިވެނީ މިނިސްޓަރު ނަހުލާ ކަމަށް ބުނާ މީހާގެ އަޑެވެ. އެގޮތުން މިނިސްޓަރު ތި އަމަލުކުރެއްވީ ވަރަށް ހަޑިކޮށް ކަމަށް ނަހުލާ ކަމަށް ބުނާ މީހާ ބުނުމުން، ހަޑިކޮށް ކަމެއް ނުކުރައްވާ ކަމަށް އަލީ ވަހީދު ކަަމަށް ބުނާ މީހާ ބުނެއެވެ.
އެހެން ބުނުމުން ނަހުލާ ކަމަށް ބުނާ މީހާ، ރައްޓެހިން ކައިރީގައި ބައިތިއްބައިގެން އޭނާއަށް ގުޅާފައި ސްޕީކަރަށް ލައިގެން ވާހަކަ ދެއްކުމުން އެއީ ހަޑިކޮށް ކަންތައް ކުރުން ނޫން ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށާއި އެއަށްވުރެ ހަޑިކޮށް ކަންތައް ނުކުރެވޭނެ ކަމަށް ބުނާ އަޑު އިވެއެވެ. އަދި މިނިސްޓަރަށް ވަރަށް އިތުބާރު ކުރާ ކަމަށް ވެސް ނަހުލާ ކަމަށް ބުނާ މީހާ ބުނެއެވެ.
ނަމަވެސް އަލީ ވަހީދު ކަމަށް ބުނާ މީހާ ދިޔައީ އެއީ އޭނާ ނޫން ކަމަށާއި އެޑިޓް ކޮށްފައި ހުންނަ އެއްޗެހި ގަބޫލު ކުރައްވަމުން ނުދިއުމަށް ބުނަމުންނެވެ.
އެހެން ބުނުމުން ނަހުލާ ކަމަށް ބުނާ މީހާ، އެހެން އެޑިޓް ކުރާނީ ކިހިނެއްތޯ ސުވާލުކޮށް އެއީ އެ ދެމީހުން ވާހަކަދެއްކި ފޯން ކޯލެއްކަން އޭނާއަށް އެނގޭ ކަމަށާއި އަދި އެއީ ލީކު ކޮށްލި މީހުންގެ މައްސަލައެއް ނޫން ކަމަށާއި މައްސަލައަކީ ކެބިނެޓްގެ އެކުވެރިއަކު އޭނާއަށް ގުޅާފައި ރިކޯޑަށް ލައިގެން ވާހަކަދެއްކުން ކަމަށް ބުނާ އަޑު އިވެއެވެ.
އޯޑިއޯގައި ނަހުލާ ކަމަށް ބުނާ މީހާ އެހެން ބުނެ ވާހަކަދައްކަމުން ދިޔައިރުވެސް އަލީ ވަހީދު ކަމަށް ބުނާ މީހާ ދިޔައީ އެއީ އޭނާ ނުކުރާ ކަމެއް ކަމަށާއި މައްސަލައަކީ ލީކު ކޮށްލި މީހުން ކަމަށް ބުނެ ދިފާއުވުމަށް ވާހަކަ ދައްކަމުންނެވެ.
މީގެ ކުރިން ލީކު ކޮށްލާފައިވާ އަލީ ވަހީދު ކަމަށް ބުނާ މީހާ ދެ އޯޑިއޯ ކޮޅެއްގައި މިނިސްޓަރު އައިޝަތު ނަހުލާއަށް ބޭއަދަބީ ބަސްތަކުން ވާހަކަ ދައްކާފައިވެއެވެ.
އެގޮތުން އޭގެ އެއް އޯޑިއޯ ކޮޅުގައި ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށް ތުހުމަތުކުރެއެވެ. އަދި ރިސޯޓަކަށް ނުވަތަ ޔޮޓަކަށް ގޮސް ގިނަ ބަޔަކާއެކު ޕާޓީކޮށް ފާހިޝް އަމަލު ހިންގަން ބޭނުންވާ ވާހަކަ އާއި އޮފީސް ދަތުރެއްގައި ކަމަށް ބުނެ އެކަން ކުރަންދާން ރާވާ އަޑު ވެސް އެ އޯޑިއޯއިން އިވެއެވެ.
އޭގެ އިތުުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުންކޮށްގެން އެމީހާ ވާހަކަ ދައްކާފައިވާ އޯޑިއޯތަކެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ. އަދި މިނިސްޓަރު އަލީ އާއި އަސްހަދު ކަމަށް ބުނާ ދެ މީހުން ކޮރަޕްޝަންގެ ސައްލާއެއްކުރާ އޯޑިއޯއެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ.
އެ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވަނީ ތަކުރާރުކޮށް އެއީ ސައްހަ އޯޑިއޯ ތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އޯޑިއޯތަކަކީ ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށާއި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށެވެ.
މި އޯޑިއޯތަކުގެ މައްސަލަ ބޮޑުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވަމުންނެވެ. އަދި އަލީ ވަހީދު ކެބިނެޓުން ވަކި ކުރުމަށް، ރައީސް ސޯލިހަށް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.