މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.
ހައިކޯޓުގެ ޝެޑިއުލްގައިވާ ގޮތުން، އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 ޖަހާއިރަށެވެ.
މާދަމާއަށް ތާވަލުކޮށްފައިވާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި އޮންނާނީ، އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެ ނުކުތާތަކަށް ޖަވާބުދާރީވުމެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މައްޗަށް ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމަށް އެމަނިކުފާނު ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި ހައިކޯޓުގައި މިދިޔަ މަހު ބޭއްވި އަޑުއެހުމެއްގައި އެމަނިކުފާނު ވަނީ އެމަނިކުފާނަށް ހިތުގެ ސީރިއަސް ބައްޔެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މައިބަދައިގެ އޮޕަރޭޝަނެއް ކުރަންވެސް ޖެހިވަޑައިގަންނަވާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ހިސާބުން ނަފުސާނީ މައްސަލައެއް ދިމާވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.
ހުރިހާ ސިއްހީ މައްސަލަތަކަށް ފަރުވާ ލިބޭނީ ރާއްޖޭން ބޭރުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް މި އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އޭގެ ތެރެއިން މައި ބަދައިގެ ކަށިގަނޑެއް ގުޑާފައިވާ މައްސަލައަކީ، އެކަމުގެ ޓެސްޓްވެސް ރާއްޖޭން ހެދެން ނެތް ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިތުގެ މައްސަލައަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން، ބޭސް ފަރުވާ ކުރެއްވުމަށް ޓަކައި، ޖަލު ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން، ހައިކޯޓުގައި މިދިޔަ މަހު ކުރިއަށްދިޔަ އަޑުއެހުމުގައި އެދިވަޑައިގެންނެވިއެވެ.
އޭގެފަހުން މިމަހުގެ ހަވަނަ ދުވަހު ހައިކޯޓުން ވަނީ، ރައީސް ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައެވެ. ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް އެދި ހުށަހެށީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނުމަށް އެދިއެވެ.
ޓެސްޓުތަކެއް ހެދުމަށްޓަކައި މިދިޔަ ބުދަ ދުވަހު ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދެވުނެވެ. ޓެސްޓުތައް ހެދުމަށްފަހު އެމަނިކުފާނު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.