ޔޫރަޕުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެން ފަށާފައިވުމާއެކު އިޓަލީން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް އިޓަލީގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ދެމީހަކު މަރުވެ، ޕޮޒިޓިވް 79 ކޭސް ފެނިފައިވާތީ ބޮޑު ވަޒީރު ވަނީ އިމަޖެންސީ ޕްލޭން އެކްޓިވޭޓް ކުރައްވާފަ އެވެ.
މި ޕްލޭންގެ ދަށުން އިޓަލީގެ ދެ އަވަށެއް ވަނީ ކަރަންޓީން ކުރުމުގެ ގޮތުން ބަންދު ކޮށްފައެވެ. އެއަވަށްތަކުގައި އުޅޭ 50000 މީހުނަށް ވަނީ ގެއިން ބޭރަށް ނުނިކުމަށް އަންގާފައެވެ. މި އަވަށްތަކަށް އެތެރެވެ އަދި ބޭރަށްވެސް އިތުރު މީހަކަށް ނުދެވޭނެ ކަމަށާއި، ހާއްސަ ހުއްދައަކާ ނުލައި އެއަވަށަށް ނުވަދެވޭނެ ކަމަށް އިޓަލީގެ ބޮޑު ވަޒީރު ވިދާޅުވިއެވެ. ސްކޫލު ތަކާއި ކުޅިވަރުގެ ހަރަކާތްތައްވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
މިދިޔަ އަހަރު ޗައިނާއިން ފެނުނު މި ވައިރަސް މިހާރުވަނީ 26 ގައުމަކަށް ފެތުރިފައެވެ. ޗައިނާއިން ބޭރުން މިވައިރަސް ޖެހިގެން 11 މީހަކު މަރުވެފައިވާއިރު 1400 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ޗައިނާގައި މިބަލި ޖެހިގެން 2348 މީހަކު މަރުވެފައިވާއިރު 76392 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެގައުމުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި މިހާރު އެގައުމުން ބަލި ފެތުރޭ ނިސްބަތް އަންނަނީ ދަށްވަމުން ކަމަށެވެ.