ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ތައާރަފުކުރި ނިޒާމެއް ނޫން ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި އެމްޑީޕީގެ ނައިބު ރައީސްކަންވެސް ކުރެއްވި އަލްހާން ފަހުމީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ދުނިޔެއަށް އާ ނިޒާމެއް ނޫން ކަމަށާ އެއީ އެމްޑީޕީން ތައާރަފު ކުރި ނިޒާމެއް ވެސް ނޫން ކަމަށެވެ.
"އެކަމުގެ (ލާމަރުކަޒީ ނިޒާމުގެ) އިލްމު ލިބި ގާބިލު މީހުން ތިބީ ހަމައެކަނި އެމްޑީޕީއަކުވެސް ނޫން! އެކަން ކުރުމުގެ( ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގެ) އުރައްޕެއް އެމްޑީޕީ މީހެއްގެ ނޫނީ ނެތޭ ބުނުމަކީވެސް ހަގީގަތެއް ނޫން!"
އަލްހާން ވިދާޅުވީ، ރާއްޖެ މިދެކޭ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފު ކުރީ އެމްޑީޕީންކަން ގަބޫލު ކުރައްވާ ކަމަށާއި އެއީ އެއްވެސް މީހަކަށް އެކަމާ ދެކޮޅު ހެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ގޮތުން ފަހުރުވެރި ވެވޭނެ ތާރީހެއް އެމްޑީޕީގައި އޮތްކަން އަލްހާން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަލްހާން ވިދާޅުވީ، އެމްޑީޕީއާ މެދު އޭނާވެސް ފަހުރުވެރިވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފެއްދި ނިޒާމެއް ނޫން ކަމަށް އަލްހާން ވިދާޅުވެފައިވާއިރު، އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން އެންމެ އަޑު ހަރުކޮށް ދައްކާ އެއްވާހަކައަކީވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކައެވެ. އެމްޑީޕީން ބުނާ ގޮތުގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން އެނގޭނީ ހަމައެކަނި އެޕާޓީގެ ކެންޑިޑޭޓުންނަށެވެ. އަދި އެ ނިޒާމު ތަންފީޒު ކުރެވޭނީ އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން ކަމުގައި އެޕާޓީން ބުނެއެވެ.
ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމަކީ މިސަރުކާރުގެ މުހިންމު ވައުދެކެއެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް ރަށްށަށް ބޮޑެތި ބާރުތަކެއް ދީފައެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ކައުންސިލުތަކުން 30 ޕަސެންޓު ގޮނޑި އަންހެނުންނަށް ވަނީ ހާއްސަކޮށްފައެވެ.