ކުއްލި ޚަބަރު

އަލީ ވަހީދު ކަމަށް ބުނާ މީހާގެ އިތުރު އޯޑިއޯއެއް: މިފަހަރު ދައްކަނީ ރިސޯޓް ހަދާ ރަށެއްގެ ވާހަކަ!

1

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހާގެ އިތުރު އޯޑިއޯއެއް އަނެއްކާ ވެސް ލީކު ކޮށްލައިފިއެވެ.

ޓުވިޓާ އެކައުންޓަކުން ދަނީ، އަލީ ވަހީދު ކަމަށް ބުނާ މީހަކާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ މީހަކާއި އިތުރު ބަޔަކު ދެއްކި ވާހަކަތަކެއް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ކުދިކުދި އޯޑިއޯ ކޮޅުތަކެއްގެ ގޮތުގައި ލީކު ކުރަމުންނެވެ. އެގޮތުން މިރޭ ލީކު ކޮށްލާފައިވަނީ އޭގެ ހަ ވަނަ އޯޑިއޯ ކޮޅެވެ.

ގާތްގަނޑަކަށް މިނެޓެއްހާ ދިގު އެ އޯޑިއޯ ކޮޅުގައި އަޑު އިވެނީ އަލީ ވަހީދު ކަމަށް ބުނާ މީހާ ތަނެއްގައި އިނދެގެން ފޯނުން އެހެން މީހަކާ ދައްކާފައިވާ ވާހަކައެކެވެ. އަލީ ވަހީދު ކަމަށް ބުނާ މީހާ ފޯނުން ވާހަކަދައްކަނީ ކާކާ ކަމެއް ނޭނގެއެވެ. ނަމަވެސް އޯޑިއޯ ލީކުކޮށްލި ޓުވިޓަރު އެކައުންޓުން ބުނެފައިވާ ގޮތުން، އެއީ ރާއްޖޭގެ ރަށެއް ދިނުމާއި ގުޅޭގޮތުން އިންވެސްޓަރަކާ އަލީ ވަހީދު ދައްކާފައިވާ ވާހަކައެވެ.

އެގޮތުން އޯޑިއޯގައި އިންވެސްޓަރަށް ބައްދަލުވުމަކަށް ދައުވަތުދޭ އަޑު އިވެއެވެ. އަދި އިންވެސްޓަރު ބުނާ އެއްޗަކުން އަލީ ވަހީދު ކަމަށް ބުނާ މީހާ "ހާދަހާ މާތް ބޭފުޅެކޭ" ވިދާޅުވެ، އެދުވަހުގެ އެކެއް ޖަހާއިރު އަންނަން ވިދާޅުވެއެވެ.

އެއަށްފަހު އިންވެސްޓަރު ދައްކާ ވާހަކައަކުން ހިނިގަނޑެއް ޖަހާލާފައިވާ ރައީސްއާއެކު ލޯންޗުގައި ވަޑައިގެން ކޮންމެ ވެސް އެހެން ބޭފުޅަކާ ބައްދަލުކުރި ކަމަށް ބުނާ އަޑު އިވެއެވެ. އަދި ޖަޒީރާ ރާއްޖޭގައި އާޓިފިޝަލް ރަށެއް ހަދައިގެން "މިކަމެއް" ނުވާނެ ކަމަށާއި ރައްޔިތުންގެ ލޯބި ލިބޭފަދަ ނިންމުންތައް ވެސް ބައެއް ފަހަރު ނިންމަންޖެހޭނެ ކަމަށް ރައީސްގެ އަރިހުގައި ވިދާޅުވުމުން "އައްޔަ ތިކަމާ އުޅޭބަލާށޭ" ވިދާޅުވި ކަމަށް އަލީ ވަހީދު ކަމަށް ބުނާ މީހާ ވިދާޅުވާ އަޑު އިވެއެވެ.

އެހެން ބުނެފައި ފޯނު ބޭއްވުމުން އަލީ ވަހީދު ކަމަށް ބުނާ މީހާގެ ކައިރީގައި ހުރި މީހަކު "އޭނާއަށް އެނގޭ ހެއްޔޭ" ބުނާ އަޑު އިވެއެވެ. އަދި އަލީ ވަހީދު ކަމަށް ބުނާ މީހާ "މަޑު މަޑުންނޭ" ވިދާޅުވާ އަޑު އިވެއެވެ. އެއީ ކޮން ވާހަކައެއް ކަމެއް ނޭނގުނު ނަމަވެސް އަޑުކޮޅު ލީކުކޮށްލި ޓުވިޓަރު އެކައުންޓުން ބުނެފައިވާ ގޮތުން އެ ވާހަކަތަކަކީ އަލީ ވަހީދު ކަމަށް ބުނާ މީހާ ފޯނުން ވާހަކަދެއްކި އިންވެސްޓަރު އަތުން ހޯދަންޖެހޭ އެއްޗެހިތަކެއް ވާހަކަ ކަމަށެވެ.

މީގެ ކުރިން ލީކު ކޮށްލާފައިވާ އަލީ ވަހީދު ކަމަށް ބުނާ މީހާ ދެ އޯޑިއޯ ކޮޅެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ބޭއަދަބީ ބަސްތަކުން ވާހަކަ ދައްކާފައިވެއެވެ. އޭގެ އިތުުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުންކޮށްގެން އެމީހާ ވާހަކަ ދައްކާފައިވާ އޯޑިއޯތަކެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ. އަދި މިނިސްޓަރު އަލީ އާއި އަސްހަދު ކަމަށް ބުނާ ދެ މީހުން ކޮރަޕްޝަންގެ ސައްލާއެއްކުރާ އޯޑިއޯއެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ.

އެ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވަނީ ތަކުރާރުކޮށް އެއީ ސައްހަ އޯޑިއޯ ތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އޯޑިއޯތަކަކީ ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށާއި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށެވެ.

މި އޯޑިއޯތަކުގެ މައްސަލަ ބޮޑުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވަމުންނެވެ. އަދި އަލީ ވަހީދު ކެބިނެޓުން ވަކި ކުރުމަށް، ރައީސް ސޯލިހަށް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟