ނޫމަޑި މައްސަލައާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމާއެކު ގިނަ ދައުވާތަކެއް އުފުލައިފިއެވެ.
މުއިއްޒު އެހެން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 8:00 އަށް ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށްފަހު، ނުކުމެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
މުއިއްޒު ވިދާޅުވީ ފުލުހަށް އޭނާ ހާޒިރުކުރީ ނޫމަޑި މައްސަލައިގައި ކަމަށާއި އެ މައްސަލައާ ގުޅިގެން ގިނަ ދައުވާތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ދައުވާ ވެސް ހިމެނޭ ކަމަށެވެ.
އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ނޫމަޑި މައްސަލައިގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ މައްސަލަ ބަލަން ނުފަށައި މިއަދު އެ މައްސަލަ ބަލަން ސަރުކާރުން ނިންމީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމުން، އެކަމަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.
ނަމަވެސް އެމަސައްކަތުގައި ސާބިތުކާއެކު ހުންނަވާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި އިންތިހާބުގައި ވާދަކޮށް މާލޭގެ ރައްޔިތުންގެ އެހީތެރިކަމާއެކު އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ އިންސާފުވެރި ކަމާއި އަނިޔާވެރި ނުވުމަށާއި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ކަންތައް ކުރުމަށް ވައުދުވެގެން ކަމުގައިވީ ނަމަވެސް ފެނިގެންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނޫމަޑިއަށް ސަރުކާރުން ބަދަލުދޭން ޖެހުނު މައްސަލައިގައި ޑރ. މުއިއްޒުގެ މައްޗަށް، ޖިނާއީ ތަހުގީގުކޮށް ޕީޖީއަށް މައްސަލަ ފޮނުވައި ދެއްވުމަށް އެދި އެޓާނީ ޖެނެރަލަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އެއީ ނޫމަޑިއާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ މައްސަލައިގައި ބަދަލު ހޯދުމަށް ނޫމަޑިން ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ އާބިޓްރޭޝަންގައި ކުރިޔަށް ދިޔައިރު، ނޫމަޑިއާ އެއްކޮޅަށް ހެކިބަހުގެ ގޮތުގައި ޑރ. މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުން ސަރުކާރު ފަރާތުގެ ކޭސް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިއުމުންނެވެ.