ކުއްލި ޚަބަރު

އޭސީސީއަށް ސާބިތުވި ރައީސް ނަޝީދުގެ ކޮރަޕްޝަނަކީ މެމްބަރުކަން ގެއްލޭފަދަ ކުށެއް: ހައިލަމް

11

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވި ކޮރަޕްޝަނަކީ އެމަނިކުފާނުގެ މެންބަރުކަން ގެއްލޭފަދަ ކުށެއް ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް އެހެން ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" ނިންމާލުމަށްފަހު، އެ މަހާސިންތާގައި ނުހިމެނޭ ދަތުރުފުޅެއްގައި ރައީސް ނަޝީދު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސީޓީއަށް ކުރި ދަތުރުފުޅުގައި ބައިވެރިވި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރަށް ގަމުން މާލެ ދިއުމުގެ ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ރައީސް ނަޝީދުގެ އަތްޕުޅުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީއެވެ.

އެކަމާއި ގުޅިގެން ހައިލަމްގެ ޓުވީޓާ އެކައުންޓުގައި އާއްމުކޮށްފައިވާ ދެ ސޮފުހާގެ ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމިއްލަފުޅު ދަތުރެއްގައި ހަށިފާރަވެރިޔާ އާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އެންގުވުމުގެ މާނަ ވަރަށް ސާފު ކަމަށެވެ. އަދި އެކަމުން އެނގެނީ ދައުލަތުގެ ފައިސާ ބޭނުން ކޮށްފައިވާކަން ސާބިތުވެއްޖެ ކަމަށާއި އެކަމުގެ ޒިންމާ ނަޝީދު ނަންގަވަންޖެހޭކަން އޭސީސީއަށް ގަބޫލުކުރެވިއްޖެކަން ކަމަށެވެ.

ހައިލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކުށެއް ފުރިހަމަ ވުމަށް ދެކަމެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ލިބިފައިވާ ހައިސިއްޔަތުގެ ބާރު ނަހަމަގޮތުގައި ބޭނުން ކުރުމާއި އެކަން ކުރަނީ ތިމާއަށް ނުވަތަ އެހެން މީހަކަށް އޭގެ ފައިދާ ހޯދައިދިނުމަށް ބޭނުން ކުރުން ކަމަށެވެ.

އެގޮތުން އަމިއްލަ ދަތުރެއްގެ ކަންކަމަށް ދައުލަތުގެ ފައިސާ ހަރަދުކޮށްފައިވަނީ ނަޝީދަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ބާރު ބޭނުންކޮށްގެން ކަމަށާއި އެ ފައިސާ ދެއްކުމަށް އޭސީސީން އެންގުމުން އެނގިގެންދަނީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެއްޖެކަން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އެއްވެސް މީހަކު ކޮރަޕްޝަންގެ ކުށެއް ކޮށްފިކަން އޭސީސީއަށް ސާބިތުވެއްޖެނަމަ، އެކުށުގެ މަދަނީ ގެއްލުން ފޫބެއްދުމަށް އެ ކޮމިޝަނުން ކުރަންޖެހޭ އަމުރުތައް ކުރާނެ ކަމަށާއި އެއާއެކު އެ މައްސަލައިގެ ޖިނާއީ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ޖިނާއީ ދައުވާއެއް ކުރުމަށް ޕީޖީ އޮފީހަށް ނުފޮނުވައިފިނަމަ އޭސީސީގެ މެންބަރުން ވެސް އެކުރައްވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށް ކަމަށް ވިދާޅުވެފައިވެއެވެ.

"އެނގޭ ކަމަކީ ރައީސް ނަޝީދުގެ މައްޗަށް ގަހުގީގަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝައީއަތަށް ސާބިތުވެއްޖެނަމަ އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލިގެންދިއުން ނަތީޖާއަކަށް ވެގެންދާނެ ކަމެކެވެ،" ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމިންގެ މައްސަލަ ބައްލަވަމުން އައި ހައިލަމް، ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުން އިސްތިއުފާ ދެއްވީ، އެ މަގާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމުމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟