ޝަހީދާ އަބްދުﷲ ސައީދު
ނުހައްގުން، ބޭއިންސާފުން އަނިޔާ ދިނުމުގައި ބައިވެރިވި ކޮންމެ މީހަކަށް އިންސާފުވެރިކަމާއެކު އަދަބު ލިބެންޖެހޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ ހިލްމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނިޔާ ދިނުމުގައި ބައިވެރިވި ކޮންމެ މީހަކަށް، އެމީހަކު އެކަމުގައި ބައިވެރިވި މިންވަރަކުން އިންސާފުވެރިކަމާއެކު އަދަބު ލިބެންޖެހޭނެ ކަމަށެވެ.
އެހެންނޫނީ މުސްތަގުބަލުގައި ވެސް އަނިޔާވެރިކަމަށް ހުއްޓުމެއް ނާންނާނެ ކަމަށާއި، އަނިޔާއަކީ މާތްﷲ އެކަލާނގެ ޒާތުފުޅަށްވެސް ހަރާމްކުރެއްވި ކަމެއް ކަމަށް ސައުދުﷲގެ ޓުވީޓުގައި ވިދާޅުވިއެވެ.
ސައުދުﷲ މިފަދަ ޓުވީޓެއް ކުރެއްވިއިރު، ސިޔާސީ ފަރާތްތަކުން ދަނީ ރައީސް ޔާމީންގެ ސަރުކާރުގައި، އެކި ކުށްތަކުގައި ޖަލަށް ހުކުމްކޮށްފައިވާ ފަރާތްތަކަށް އަނިޔާވެރިވެފައިވާކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވި ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލައްވަމުންނެވެ.