ޚަބަރު

މިހާރު މިދާގޮތަށް ދާނަމަ، އިތުރު އިމާރާތެއް ހަދައިގެން ނޫނީ މަޖިލިސް ޖަލްސާތަކެއް ނުބޭއްވޭނެ: ސައުދު

އިބްރާހިމް ޒަކީ

ގާނޫނުގައި މިހާރު އޮތް ގޮތަށް މަޖިލީހަށް މެންބަރުން އިންތިހާބު ކުރަމުންދާ ނަމަ، އިތުރު އިމާރާތެއް ހަދައިގެން ނޫނީ މަޖިލިސް ޖަލްސާތަކެއް ނުބޭއްވޭނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މެންބަރު ސައުދު މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، މިހާރު އިތުރުވަމުން މިދާގޮތަށް މަޖިލީހަށް މެންބަރުން އިތުރުވެގެންދާނަމަ 2044 ހިސާބަށް ދާއިރު، 140 މެންބަރުން މަޖިލީހުގައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އާމްދަނީއަށް ބަލާއިރު ވެސް އެއީ ކަމުދާ ކަމެއް ނޫން ކަމަށާއި ދައުލަތަށް އޮބި އޮންނަވަރުގެ ހަރަދަކަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި އަދަދެއްގައި މެންބަރުން ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ކަމަށާއި އެކަން ވަކި އަދަދަކަށް ހިފަހައްޓަން ތާއީދު ކުރައްވާ ކަމަށެވެ.

"ހަގީގަތަކީ ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް ތިބެނީ ވަކި އަދަދަކަށް ކަނޑަޅައިފައި. އެކަން ރާއްޖޭގައި ވެސް އެބަޖެހޭ ހަމަޖެހޭ އުސޫލުން ދައުލަތަށްވެސް ކެރި ކުޅަދާނަ މިންވަރަކަށް އެކަން ނިންމަން،" ސައުދު ވިދާޅުވިއެވެ.