އިއްޔެ ހަވީރު ކުރި ގަދަ ވިއްސާރައިގައި، ތިނަދޫ އުތުރު ދާއިރާގެ އިންތިހާބީ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީގެ ކާރު މައްޗަށް ފާރެއް ވެއްޓިއްޖެއެވެ.
މަޖިލިސް މެންބަރު ސައުދުﷲ "ވަން" އަށް މިއަދު ވިދާޅުވީ މަޖީދިއްޔާ ކުރިމަތީ ކާރު ޕާކުކޮށްފައި އޮންނާނީ މާލެ ސިޓީކައުންސިލުން ދީފައި އޮންނަ ކާރު ޕާކިންގް ސްލޮޓެއްގައި ކަމަށެވެ.
"އިއްޔެ ހަވީރު ވެހުނު ބޯވާރޭގައި ތޭރެގައި ފާރު ވެއްޓުނީ. ފާރު ވެއްޓުނީ ހުރިގޮތަށް ކާރު މައްޗަށް. އެކަން ފުލުހުންނަށް އެނގިގެން ގޮސް ރިޕޯޓު ކުރީމަ އަޅުގަނޑުމެންނަށްވެސް އެނގުނީ" ސައުދުﷲ ވިދާޅުވިއެވެ.
މިއަދު ހެނދުނު 10 ޖަހަންދެން މާލެ ސިޓީކައުންސިލުގެ އެއްވެސް ބޭފުޅަކާ ނުގުޅޭ ކަމަށާއި ހެނދުނު 10ގެ ފަހުން ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އާ ގުޅިގެން މޭޔަރު ބައްލަވާފައި މިހާރު ފާރު ނެގުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށް ސައުއްﷲ ވިދާޅުވިއެވެ.
ސައުދުއްﷲ އިތުރަށް ވިދާޅުވީ ކާރު މަތީގައި ސަތަރި އަޅާފައި އޮތުމުން ކާރަށް ލިބިފައިވާ ގެއްލުން އެހާބޮޑަށް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ކާރުގެ އަރިމަތިން ފުނޑިފައި ހުރި ކަމަށާއި ވިންޑް ސްކްރީނާއި ދޮރުތަކާއި އެ ހުރިހާ އެއްޗެއްވެސް ހަލާކުވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 9 ނުވަތަ 10 ފޫޓުގެ ފާރެއް ވެއްޓޭއިރު ނީންނާނެތާ ކާރުގެ ކަމެއް. ރަނގަޅު ކުރަން ހޭދަވާނެ ފައިސާގެ އަދަދެއް ނޭނގެ" ސައުދުﷲ ވިދާޅުވިއެވެ.