ކުއްލި ޚަބަރު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

1

ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 20:00 އަށް ފުލުހަށް ހާޒިރުވުމަށް އަންގައި މުއިއްޒުއަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، ވަކި ފަރުދުންގެ އެފަދަ މައްސަލަތަކުގެ މައުލޫމާތު ފުލުހުން ހާމަނުކުރާނެ ކަމަށެވެ.

މުއިއްޒު މިރޭ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު އޭނާ ވަނީ ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް މިދިޔަ ބުދަ ދުވަހު އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފައެވެ.

ބަލަމުންދާ މައްސަލައަކާއި ގުޅިގެން މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނޫމަޑިއަށް ސަރުކާރުން ބަދަލުދޭން ޖެހުނު މައްސަލައިގައި ޑރ. މުއިއްޒުގެ މައްޗަށް، ޖިނާއީ ތަހުގީގުކޮށް ޕީޖީއަށް މައްސަލަ ފޮނުވައި ދެއްވުމަށް އެދި އެޓާނީ ޖެނެރަލަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެއީ ނޫމަޑިއާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ މައްސަލައިގައި ބަދަލު ހޯދުމަށް ނޫމަޑިން ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ އާބިޓްރޭޝަންގައި ކުރިޔަށް ދިޔައިރު، ނޫމަޑިއާ އެއްކޮޅަށް ހެކިބަހުގެ ގޮތުގައި ޑރ. މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުން ސަރުކާރު ފަރާތުގެ ކޭސް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިއުމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟