އިބްރާހިމް ޒަކީ
އެމްޑީޕީން، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް އަލިމަސްކާނިވަލުގައި ރޭ ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާއަށް މީހުން މަދުން ދިއުމުގައި، ޕާޓީގެ ވެރިންގެ އިހުމާލު އިންތިހާއަށް އެބަ އޮތް ކަމަށް، ކުރީގެ ޓްރާންސްޕޯޓް އެންޑް ކޮމިއުކޭޝަން މިިނިސްޓަރު އަދި، މިފްކޯގެ ކުރީގެ އެމްޑީ، އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.
ބޮޑެތި ޖަލްސާތަކުގެ ގޮނޑިތައް ފުރާލައިގެން ޖޯޝާއި ފޯރި ނެގުމަށް މަޝްހޫރު އެމްޑީޕީން އަލިމަސް ކާނިވާ ސަރަަހައްދުގައި، ރޭ ބޭއްވި ޖަލްސާގައި ފެނުނީ ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރިތަނެވެ. އެ ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަލްސާއަށް ދިޔަ މީހުން މަދުކަން އެކި ފަރާތްތަކުން ފާހަގަ ކުރަމުންދާތީ، އާދިލް ސަލީމް ކުރި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިހާބު ތަކުގެ ސައްހަކަން ޔަގީން ކުރަން ޖެހެނީ އެހެން ވާތީ ކަމަށެވެ. އަދި ކިލަނބު ވެފައިވާ މެންބާޝިޕް ލިސްޓެއްގައި، ދެ ޕާޓީގެ ޕްރައިމަރީއެއްގައި، އެއްބަޔަކު ވޯޓުލައި، ވޯޓު ސައްހަ ކަމަށް ނިންމީމަ ޕާޓީ ފޯރި ނެރޭނީ ދެން ކޮންތާކުންތޯވެސް އާދިލް ސަލީމް ސުވާލު ކުރައްވާފައި ވެއެވެ.
"ޕާޓީގެ އެތެރޭގެ އިންތިހާބު ތަކުގެ ސައްހަކަން ޔަގީން ކުރަން ޖެހެނީ މިހެންވެ، ކިލަނބު ވެފައިވާ މެންބާޝިޕް ލިސްޓެއްގައި ދެ ޕާޓީގެ ޕްރައިމަރީގައި، އެއްބަޔަކު ވޯޓުލައި، ވޯޓު ސައްހަ ކަމަށް ނިންމީމަ ޕާޓީ ފޯރި ނެރޭނީ ދެން ކޮންތާކުން؟ ޕާޓީގެ ވެރިންގެ އިހުމާލު މިކަމުގައި އިންތިހާއަށް ބޮޑު،" އާދިލް ސަލީމް ވިދާޅުވިއެވެ.
އެތައް ދުވަހެއްގެ މަތިން މުޅިމާލޭގައި ޖަލްސާއަށް ގޮވުމުގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް، ޖަލްސާއަށް ތައްޔާރުވާ ގޮތާއި، ރައީސް ނަޝީދު އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު، އަމިއްލައަށް ލިޔުއްވަން އިންނެވި ފޮޓޯފުޅުވެސް ކުރީބައިގައި، ސޯޝަލް މީޑީއާގައި ހިއްސާކޮށް، ވަރުގަދަ ހަރަކާތްތަކެއް ހިމަނައިގެން މުޅި ރާއްޖޭގައި އެއްގަޑިއެއްގައި ފެށި މި ޖަލްސާގައި އެމްޑީޕީ ސަޕޯޓަރުން ބައިވެރިވިލެއް މަދުކަމުން ސޯޝަލް މީޑއާގައި ގިނަ ފާޑު ކިޔުންތަކެއް އެމްޑީޕީއަށް ވަނީ ކުރިމަތި ވެފައެވެ.