މަގުބޫލު ޓީވީ ސީރީޒް ފްރެންޑްސްގެ ރީޔޫނިއަން ސްޕެޝަލް އެޗްބީއޯއިން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އިއްޔެ މެންދުރު އެޗްބީއޯއިން ކުރި އިއުލާނުގައި ބުނީ ފްރެންޑްސްގެ ހާއްސަ ޝޯގައި ހަ ރައްޓެހިން ވެސް އެކުގައި ފެނިގެން ދާނެކަމަށެވެ.
"މިއީ އެ އެންމެންގެ އެނބުރި އައުމެއް. އެންމެން ރީޔުނައިޓް ކޮށްދެނީ މީ. ޑޭވިޑް، ޖެނިފާ، ކޯޓްނީ، މެޓް، ލިސާ އަދި މެތިއު މި ހާއްސަ ޝޯގައި ފެންނާނެ." އެޗްބީއޯގެ ޗީފް ކޮންޓެންޓް އޮފިސާ ކެވިން ރެއިލީ ބުންޏެވެ.
10 ސީޒަނަށްފަހު ފްރެންޑްސް ނިންމާލިތާ 16 އަހަރު ވެފައިވީ ނަމަވެސް އަދިވެސް މި ޝޯއަކީ ގިނަ ބަޔަކު ބަލާ ސީރީޒެކެވެ. ފްރެންޑްސްގެ ރީޔޫނިއަން ސްޕެޝަލެއް ހެދުމުގެ ވާހަކަ ދެކެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ހާއްސަކޮށް މިދިޔަ އޮކްޓޯބަރުގައި ހަ ތަރިން އެކުގައި ނަގާފައިވާ ސެލްފީއެއްގެ ސަބަބުން ފޭނުންވެސް ދިޔައީ ފްރެންޑްސްގެ ޝޯގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންނެވެ.
2016 ގައި ވެސް ފްރެންޑްސްގެ ރީޔޫނިއަނެއް ހެދުމުގެ މަސައްކަތް ކުރިނަމަވެސް އެ ޝޯގައި މެތިއުއަށް ބައިވެރިއެއް ނުވެވުނެވެ.
އެހެން ކަމުން އެޗްބީއޯއިން އިއުލާނު މިކުރީ ފްރެންޑްސް ނިންމާލި ފަހުން ހުރިހާ ތަރިން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާނެ ޝޯއެވެ.
ފްރެންޑްސްގެ ހުރިހާ ތަރިން ވަނީ މީސް މީޑިއާގައި "އިޓްސް ހެޕަނިން" ޕޯސްޓުކޮށްފައެވެ.