ޑރ. އާއިޝަތު ޖިނާނީ އިބްރާހިމް (އީނު) އާއި މުހައްމަދު ރަޝީދު (މޯޑް)، ރޭހުގެ އެއްވަނަ ހޯދައި ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.
އީނު އާއި މޯޑް އެއްވަނަ ހޯދާފައިވަނީ ޔޫއޭއީގައި އިއްޔެ ބޭއްވި ރަސް އަލް ޛައިމާހް ހާފް މެރަތަންގެ ފަސް ކިލޯމީޓަރު ދުވުމުގައެވެ.
މީގެ ފަސް މަސްކުރިން ރަސްމީކޮށް ދުވުމުގެ ތެރެއަށް ނުކުތް އީނު އެ ދުވުމުގައި ވާދަކޮށް އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލާފައިވަނީ 20:34 މިނެޓުންނެވެ. އޭގެ ކުރިން އެ ރެކޯޑު އޮންނަނީ މަރިޔަމް އަބްދުލްކަރީމް (މަރީ) އަތުގައެވެ. 2017ގެ ދިރާގު ރޯޑްރޭހުގައި މަރީ އެ ރެކޯޑު ހެދީ 20:47 މިނެޓުންނެވެ. އެހެންކަމުން އީނު ދުވުން ފުރިހަމަކޮށްފައިމިވަނީ މަރީއަށް ވުރެ 13 ސިކުންތު އަވަހަށެވެ.
އިއްޔެގެ ދުވުމުގައި ފިރިހެނުންގެ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު މޯޑް މުގުރާލާފައިވަނީ 15:33 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. ކުރިން އެ ރެކޯޑު އޮންނަނީ ހުސައިން ފަޒީލް ހާރޫން އަތުގައެވެ. ފަޒީލް އެ ރެކޯޑު ހެދީ 2018 ވަނަ އަހަރު މޮރޮކޯގައި ބޭއްވި ނޭޝަލަލް ޑި ލަކްރަޒާގައި ވާދަކޮށްގެންނެވެ. އެފަހަރު ފަޒީލް ރެކޯޑު ހެދީ 15:50 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. އެހެންކަމުން މޯޑް ދުވުން ފުރިހަމަކޮށްފައިމިވަނީ ފަޒީލަށް ވުރެ 17 ސިކުންތު އަވަހަށެވެ.