ހާފް މެރަތަންގެ ރެކޯޑާއެކު އެއް ދުވުމެއްގައި މަރިޔަމް އަބްދުލްކަރީމް (މަރީ) ހަތަރު ރެކޯޑެއް މުގުރާލައިފިއެވެ.
މަރީ ހަތަރު ރެކޯޑެއް މުގުރާލާފައިވަނީ ޔޫއޭއީގައި އިއްޔެ ބޭއްވި ރަސް އަލް ޛައިމާހް ހާފް މެރަތަންގައި ވާދަކޮށްގެންނެވެ.
އެ ދުވުމުގައި މަރީ ވަނީ ބޮޑު ކުރިއެރުމަކާއެކު އަންހެނުންގެ ހާފް މެރަތަންގެ ރެކޯޑު މުގުރާލައިފައެވެ. އޭގެ އިތުރުން މަރީ ވަނީ އަންހެނުންގެ ދިހަ ކިލޯމީޓަރުގެ ދުވުމާއި 15 ކިލޯމީޓަރުގެ ދުވުން އަދި 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑު ވެސް މުގުރާލައިފައެވެ.
ކުރިން ވެސް ހާފް މެރަތަންގެ ގައުމީ ރެކޯޑު އޮންނަނީ މަރީ އަތުގައެވެ. 2018ގެ ވޯލްޑް ހާފް މެރަތަންގެ ޗެމްޕިއަންޝިޕްގައި މަރީ ހެދި ރެކޯޑު އިއްޔެ އާކޮށްފައިވަނީ އެއް ގަޑި 32:42 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. 2018ގައި އޭނާ އެ ރެކޯޑު މުގުރާލީ އެއް ގަޑިއިރާއި 33:37 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.
އިއްޔެގެ ދުވުމުގައި އަންހެނުންގެ ދިހަ ކިލޯމީޓަރުގެ ރެކޯޑު މަރީ މުގުރާލާފައިވަނީ 43 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. އަންހެނުންގެ 15 ކިލޯމީޓަރު ދުވުމުގެ ރެކޯޑު މަރީ މުގުރާލީ އެއް ގަޑި 5:23 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. އަދި އަންހެނުންގެ 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑު މަރީ މުގުރާލާފައިވަނީ އެއް ގަޑި 28:11 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.
މީގެ ކުރިން ވެސް އަންހެނުންގެ ދިހަ ކިލޯމީޓަރު ދުވުމާއި 15 ކިލޯމީޓަރު ދުވުމުގެ ރެކޯޑު އޮންނަނީ މަރީ އަތުގައެވެ. އޭރު މަރީ އެ ރެކޯޑު މުގުރާލާފައިވަނީ 2017 ވަނަ އަހަރު ބޭއްވި ގޯސްޑް ކޯސްޓް މެރަތަންގައި ވާދަކޮށްގެންނެވެ. އެ ދުވުމުގައި ދިހަ ކިލޯމީޓަރުގެ ރެކޯޑު މަރީ މުގުރާލީ 44:07 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. އަދި އެފަހަރު 15 ކިލޯމީޓަރު ދުވުމުގެ ރެކޯޑު މަރީ މުގުރާލީ އެއް ގަޑި 30:04 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.
އެ ރެކޯޑުތަކުގެ އިތުރުން ވެސް އަންހެނުންގެ މަރަތަންގެ ގައުމީ ރެކޯޑު ވެސް އޮންނަނީ މަރީ އަތުގައެވެ. މަރީ އެ ރެކޯޑު މުގުރާލާފައިވަނީ މިދިޔަ އަހަރު ތުރުކީގައި ބޭއްވި ރަންއެޓޯލިއާ މެރަތަންގައި ވާދަކޮށްގެންނެވެ. މަރީ އެ ދުވުން ފުރިހަމަކުރީ ތިން ގަޑި 30:32 މިނެޓުންނެވެ.