ފަހަތުން އަރައި ސުޕާ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް، ކްލަބު ވެލެންސިއާ އިން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗުގައި ސުޕަ ޔުނައިޓެޑް އަތުން ވެލެންސިއާ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މިއީ ވެލެންސިއާގެ ފުޓުބޯޅައިގެ ދިގު ތާރީހުގައި ދެވަނަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދި ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓުވީ 2018 ގައެވެ.
އެ މެޗުގެ 27 ވަނަ މިނެޓުގައި ސުޕަ ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަހުމަދު އަޝްރަފް ޔޫސުފް ދިން ރީތި ބޯޅައަކުން ސުޕަ ޔުނައިޓެޑަށް ލީޑު ހޯދައިދިނީ އާދަމް ނިޒާމެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ނަގައިދިން ހުރަހަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އިރިއޭ ސެމުއެލް ޑެޑީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސުޕަ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ 50 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހުސައިން ފައިސަލް ދިން ރީތި ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ސުޕަ ޔުނައިޓެޑުގެ ކީޕަރު އަބްދުﷲ ނާސިހު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވެލެންސިއާ އިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މިދުހަތު ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އިރިއޭ ސެމުއެލް ޑެޑީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ސުޕަ ޔުނައިޓެޑުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދި އިރު، ރަނަރަޕަކީ ސުޕަ ޔުނައިޓެޑެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސުޕަ ޔުނައިޓެޑުގެ އާދަމް ނާޒިމް ހޮވުނު އިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ވެލެންސިއާގެ ކީޕަރު މުހައްމަދު ޖަޒްލާނެވެ.
ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑަށް ވަނީ ކޮލިފިކޭޝަން ބުރު ނުކުޅެ، ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިފައެވެ. އެ ދެ ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިފައިވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ސަސްޕެންޑްކޮށްފައި އޮތުމުގެ ސަބަބުންނެވެ.