މިދިޔަ އަހަރުގެ އޭޕްރީލް މަހު ސްރި ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭ ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފިއެވެ.
ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑެޕިއުޓީ އިންސްޕެކްޓާ އޮފް ޕޮލިސް އަޖިތް ރޮހާނާއާ ހަވާލާދީ ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ފަސްޓުގައި ބުނެފައިވަނީ، މިދިޔަ އޭޕްރިލް މަހުގެ 21ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނޭއިރު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އޭގެ ތެރެއިން 153 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޖިތް ރޮހާނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ހަތަރު ދިވެހިން ހައްޔަރުކުރި ހަމަލާތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައެވެ. އަދި އެ ތުހުމަތުގައި ޔޫއޭއީ އިން ލަންކާ ހަ ރައްޔިތުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. ލަންކާއިން ބުނާގޮތުގައި އެ ހަމަލާތައް ދީފައިވަނީ ހަރުކަށި ޖަމާއަތްތަކެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހީމްގެ އިތުރުން އައިއެސްއާ ގުޅިގެންނެވެ.