ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ކޮރޯނާ ވައިރަހަށް ޓެސް ކުރެވޭނެ ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ރާއްޖޭގެ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެކަމަށް ޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރްއެވެ. ރާއްޖޭގެ ފަރާތުން އެތަކެއްޗާ ހަވާލުވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިއަދުން ފެށިގެން އައިޖީއެމްއެޗުން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ފަރާތުން ފޯރުކޮށްދެއްވި އެހީތެރިކަމާއި އެކު 1000 މީހުން ޓެސްޓު ކުރެވޭނެ ގާބިލުކަން ރާއްޖޭގައި މިހާރު ގާއިމުވެފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަށް ރާއްޖެއިން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އަދި ކުރިޔަށް އޮތްތާނގައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެވިގެންދާނެ ކަމަށެވެ. އެ ތައްޔާރީތައް ވުމުގެ އިސްދައުރެއް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި މެނޭޖުމަންޓުން އަދާކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ހަދިޔާކޮށްފައިވަނީ ހަމައެކަނި ޓެސްޓު ކުރެވޭ އާލާތްތައް އެކަނި ނޫން ކަމަށާއި އެއާއި ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފައިވާ ކަމަށެވެ. ރާއްޖެއަށް ދިމާވާ ސިއްހީ އެކިއެކި ކަންކަމުގައި ޑަބްލިއުއެޗްއޯ އަކީ އެންމެ ފުރަތަމަ އެހީވާ ފަރާތްކަން ފާހަގަކުރައްވައި އަމީން ވަނީ ޑަބްލިއުއެޗްއޯއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި އަރުވިންދު މާތުރް ވިދާޅުވީ ކޮރޯނާ ވައިރަހަށް ޓެސްޓުކުރުމަށް 10 ކިޓް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށާއި އެކިޓު ބޭނުންކޮށްގެން 1000 މީހުން ޓެސްޓުކުރުމުގެ އިތުރުން އެކަމާއި ގުޅޭ އެހެނިހެން ޓެސްޓުތައް ހެދުމަށް ވެސް އެހީއަކަށް ވެގެންދާނެ ކަމަށެވެ. ޑރ އަރުވިންދު މާތުރް ވަނީ ރާއްޖެއިން ކޮރޯނާ ވައިރަހަށް އަޅާފައިވާ އަވަސް ފިޔަވަޅުތައް ފާހަގަކުރައްފަ އެވެ.