ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކަށް ހަރަދު ކުރެއްވި 444 ރުފިޔާ އެމަނިކުފާނުގެ އަތްޕުޅުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އަމިއްލަ ދަތުރު ދަތުރުފުޅެއްގައި، ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކަން ސާބިތުވި މައްސަލައެއްގައި އެ ފައިސާއަށް ވާ 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މަޖިލިސް ރައީސަށް އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލިސް ރައީސް އިއްވެވި އޭސީސީގެ އެ ނިންމުމުގައި ބުނެފައި ވަނީ، ގއ. ވިލިނގިލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒިފުންގެ ޓިކެޓަށް، މީހަކަށް ހަރދު ކޮށްފައިވަނީ 1،222 ރުފިޔާ ކަމަށެވެ. އަދި މާހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސީޓީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1،333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް ބުނެފައިވއެވެ.
ނަމަވެސް އެދުވަހު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1،222 ކަމާއި މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރު ކުރެއްވުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކުރައްވާފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެކަން ކޮމިޝަނަށް އެންގުމަށް އެ ނިންމުމުގައި އޭސީސީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ އަންގައިފައެވެ.
"މި ތަހުގީގުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 31 އޮކްޓޫބަރު 2019 ގައި ގއ. ވިލިނގިލީގަިއ ބޭއްވި "ދެކުނުގެ މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެއައި މަޖިލީހުގެ ދެ މުވައްޒިފުންގެ ޓިކެޓަށް މީހަކަށް ހަރަދު ކޮށްފައިވަނީ 1،222 ރުފިޔާ ކަމަށާއި، މަހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސީޓީއަށް ކުރި ދަތުރުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1،333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމާއި، ނަމަވެސް އެދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1،222 ކަމާއި މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެކަން މި ކޮމިޝަނަށް އެންގުމަށް ތިޔަ އިދާރާ އަންގަން،" ކޮމިޝަންގެ ނިންމުމުގައި ބުނެފައިވެއެވެ.