ކުއްލި ޚަބަރު

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލަން ނިންމައިފި

މަޝްރޫހު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލަން ނިންމައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގައިގަތުމަށް ދައުވަތު ދެއްވައި، އެ ދައުވަތު އޭނާ ވަނީ ގަބޫލުކުރައްވައިފައެވެ.

ނަމަވެސް މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާ ގުޅިގެން ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޝެއިހް ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.

މަހުލޫފް އެހެން ވިދާޅުވީ، ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ ގިނައިރުތަކެއް ނުވެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. ޕިލިޕްސްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި އިސްލާމީ ގިނަ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.