އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ އަށް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
މި މައްސަލައާ ބެހޭގޮތުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އެ ހުށަހެޅުން ފާސްކުރީ، މުގައްރިރާއެކު ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ހުށަހެޅުމަށް ވޯޓު ނުދެއްވީ، ކޮމިޓީގައި ހިިމެނިވަޑައިގަންނަވާ އިދިކޮޅު ޕީއެންސީގެ، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި އެމްޑީޕީގެ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.
މީގެ ކުރިންވެސް ޔައުގޫބު ވަނީ އެ ގޮތަށް ޓީއެމްއޭއަށް ޓާމިނަލް ދިނުމާ ދެކޮޅު ހައްދަވައިފައެވެ.
ނަމަވެސް ކޮމިޓީގެ ބައްދަލުވުމުގައި ޔައުގޫބު މިއަދު ވިދާޅުވީ، އެ ހުށަހެޅުން ފާސްކުރަން ވޯޓު ނުދެއްވީ އެމްއޭސީއެލްގެ ބޯޑަށް އިތުބާރު ނުކުރައްވާތީ ކަމަށެވެ. އަދި އެ ބޯޑުގެ ބޭފުޅުން ކޮމިޓީގައި ދޮގު ހައްދަވާފައިވާ ކަމަށާއި، އެހާ ޒިންމާދާރުކަން ކުޑަ ބޯޑެއް އޮވެގެން ކަންތައްތައް ރަނގަޅު ނުވާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. ޔައުގޫބު ވިދާޅުވީ، އެމްއޭސީއެލްގެ ބޯޑު ބަދަލުކުރަން ޖެހޭ ކަމަށެވެ.
ޔައުގޫބުގެ ވާހަކަޔާ ގުޅިގެން ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ޔައުގޫބުގެ ކަންބޮޑުން ރެޖިސްޓާ ކުރެވިއްޖެ ކަމަށާއި، އެކަމާ ބެހޭ އެސްއޯއީ ކޮމިޓީއަށް ފެންނަ ނަމަ އެކަން ބަލާނެ ކަމަށެވެ.
ފަޒުލް ވޯޓު ނުދެއްވީ، އެ އެއްބަސްވުމުގައިވާ ދެ އަހަރުގެ މުއްދަތު އެއް އަހަރަށް ކުޑަ ކުރުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމާއި އެހެން ބައެއް ބައެއް ކުދިކުދި ކަންކަން ނުހެމެނުމުންނެވެ.
ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް، 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށްފަހު، މަންޓާއަށްވެސް އެތަނުން މިހާރު ބޭނުން ކުރަމުން އަންނަ ޖާގަ ހަމަ އެ އަދަދަށް ދިނުމަށެވެ.
އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް އެ ނިންމުމުގައި ވެއެވެ.