މިންހާ ފާއިޒް ރަޝާދު
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުން ޕްރޮޑަކްޝަން އަށް ބުރޫ އަރާފައިވާ ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އައިފޯނު ލިބުމުގައި ދަތިތައް ކުރިމަތި ވާނެ ކަމަށް އެޕަލްއިން ބުނެފިއެވެ.
އެޕަލް އިން މިހެން ބުނެފައި މި ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ކުންފުނީގެ ވިޔަފާރިއަށް ކުރަމުން އަންނަ ނޭދެވޭ އަސަރާއި އުފެއްދުންތަކަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
އެޕަލް އަކީ ވައިރަސްގެ ސަބަބުން އާމްދަނީއަށާއި ކުންފުންޏަށް ގެއްލުން ވާނެ ކަމަށް މިހާތަނަށް ހާމަކޮށް ބުނި ފުރަމަތަ އެމެރިކާ ކުންފުނި ކަމަށް ބީބީސީން ބުނެއެވެ.
"މިއަހަރުގެ މާޗް މަހުގެ ކުއާޓާއަށް ލަފާކުރި އަންދާޒާ ރެވެނިއުއެއް ނުލިބޭ، ވަރަށް ބޮޑަށް ވިޔަފާރި ދަށް ވެއްޖެ" އެޕަލް ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.
އެޕަލްއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި 67 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ.
ޗައިނާގެ ގިނަ ފިހާރަތައް ބަންދުކޮށްފައި ވުމާއި ހުޅުވާފައި ހުންނަ ފިހާރަތައްވެސް ހުޅުވާފައި ހުންނަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ކަމަށް ވާތީ އެގައުމުގެ ސޭލްސް މުޅިންހެން ވަނީ ދަށްވެފައި ކަމަށް އެޕަލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެޕަލްއިން އިތުރަށް ބުނީ ފޯނާއި އެޔާއި ގުޅޭ އާލާތްތައް އުފައްދާ ގިނަ ތަންތަން ޗައިނާގެ ހުބޭއީ ޕްރޮވިންސްގައި ހުރުމާ އެކު އޭގެ ތެރެއިން ބައެއް ތަންތަން ހުޅުވި ނަމަވެސް ޕްރޮޑަކްޝަން ކުރިއަށް ގެންދެވެނީ ވަރަށް ދަށްކޮށް ކަމަށެވެ.
އިގްތިސޯދު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ފުރަތަމަ ކުއާޓާގައި ޗައިނާގައި ސްމާޓް ފޯނުގެ ޑިމާންޑް ދެބައިކުޅަ އެއްބަޔަށް ވުރެވެސް ދަށް ވާނެއެވެ. ޗައިނާއަކީ މި ވިޔަފާރިގައި ދުނިޔޭގެ އެންމެ ބޮޑު މާކެޓެވެ.
ހަމަ، މިއާއެކު ކާރު އިންޑަސްޓްރީއަށްވެސް ވައިރަހާ ގުޅިގެން ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ކާރަށް ބޭނުންވާ ސާމާނު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ "ޖޭސީބީ" އިން މިދިޔަ ހަފުތާގައި ވަނީ ޗައިނާއިން އެމީހުން އުފައްދާ ތަކެތި ހަދަން ބޭނުންވާ ސާމާނު ލިބުމުގައި ދަތިތައް ކުރިމަތިވާތީ ޕްރޮޑަކްޝަން ދަށްކޮށްފަ އެވެ.
ކޮރޯނާވައިރަސް ޖެހޭ ނިސްބަތް މިހާރު ދަށްވަމުން ދިޔަކަމުގައި ވިޔަސް، ހުބޭއި ގައި އިއްޔެވެސް 115 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މަދުމަދުން ޗައިނާގެ ފިހާރަތަކާއި އޮފީސްތައް މިހާރު ހުޅުވަމުން ދިޔަ ނަމަވެސް އެޕަލްއިން މިދިން އިންޒާރުން ޗައިނާގެ އިގްތިސާދަށް އައިސްފައިވާ ލޮޅުން ބޮޑުކަން ހާމަވެގެން ދެއެވެ.