ޗައިނާގެ ވުހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން އިންޑިއާގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރި ހަތް ދިވެހީން ރާއްޖެއަށް ގެނެސްފި އެވެ.
މި ހަތް ދިވެހިން ރާއްޖެ ގެނެސްފައި ވަނީ މިއަދުއެވެ.
މި ހަތް ދިވެހީން އިންޑިއާއަށް ގެންގޮސްފައި ވަނީ މިމަހު އެއްވަނަ ދުވަހުއެވެ. މިމީހުން އިންޑިއާއަށް ގެންދިޔައީ އެއާ އިންޑިއާގައި، އިންޑިއާގެ ބައެއް ރައްޔިތުންނާ އެކުގަ އެވެ. އިންޑިއާއަށް ގެންގޮސް އެ ހަތް ދިވެހީން ކަރަންޓީނު ކޮށްފައިވަނީ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕް (އައިޓީބީޕީ)ގައެވެ. އެ މީހުން އިންޑިއާއަށް ގެންދިޔުމާއި އެ ގައުމުގައި ކަރަންޓީނުކުރުމުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްފައި ވަނީ އިންޑިއާގެ އެހީގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ކަރަންޓީން ކޮށްފައި ތިބި ދިވެހިން އިންޑިއާގެ "ވިއޮން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެމީހުންނާ މެދު އަމަލު ކުރަމުން އަންނަނީ ރަނގަޅަށް ކަމަށާއި ކޮންމެ ދުވަހަކު ޑޮކްޓަރުން އެމީހުންގެ މެޑިކަލް ޗެކަޕް ހަދަމުން އަންނަ ކަމަށެވެ.