ކުއްލި ޚަބަރު

ދ. މީދޫގައި ނަމާދަށް ދިޔަ މީހަކު ގެއްލިގެން ހޯދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

މަރިޔަމް ޝަހުދާ

ދ. މީދޫގައި މިއަދު މެންދުރު ނަމާދަށް ދިޔަ މީހަކު ގެއްލިގެން ހޯދަނިކޮށް އެމީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މޫދުގައި އޮއްވާ ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައި ވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 13:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހާ ފެނިފައި ވަނީ މެންދުރު ނަމާދަށް ގޮސް އެނބުރި ނައިސް ލަސްވުމުން އެމީހާ ހޯދުމަށް އާއިލާއިން ކުރި މަސައްކަތުންނެވެ.

މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.