ޕްރައިވެޓައިޒޭޝަން ބޯޑު

ޕީސީބީއަށް އަށް ރައީސް ފޮނުއްވި ހަތް ނަމަށް މަޖިލީހުން ރުހުން ދީފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވެވި ހަތް ނަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ޕީސީބީ ބޯޑުގައި ތިއްބެވި މެންބަރުން ވަކިކޮށް އަލުން އެބޯޑް އެކުލަވައިލަން މަޖިލީހުން ފާސްކޮށްފައިވަނީ އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ބަލައި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް، ގެނައި އިސްލާހާއެކު އެ ރިޕޯޓް ފާސް ކޮށްގެންނެވެ. އެ ރިޕޯޓް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޕީސީބީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްގެންނާއެކު، އެ ކޮމިޓީން ބެލި ބެލުމުން ކޮމިޓީއަށް ފާހަގަކުރެވޭ 12 ކަމެއް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިން ބޭފުޅުންނަކީ؛

1 . އަލްފާޟިލް ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ

2 . އަލްފާޟިލް ޢާޞިމް މުޙައްމަދު، ގ. މެޒަރިން

3 . އަލްފާޟިލާ ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ

4 . އަލްފާޟިލާ ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ

5 . އަލްފާޟިލް ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ

6 . އަލްއުސްތާޛު ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު

7 . އަލްފާޟިލް އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ