މާލިއްޔަތު ކޮމެޓީ

ސީޕްލޭން ޓާމިނަލް ދިނުމާބެހޭ މައްސަަލައިގައި އެމްއޭސީއެލް އާއި މަންޓާ އެއާގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދިނުމުގެ މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި މަންޓާ އެއާގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެ ކޮމިޓީން މިއަދު 11:00 ގެ ބައްދަލުވުމަށް މަންޓާ އެއާގެ އިސް ބޭފުޅުން ހާޒިރު ކޮށްފައިވާއިރު، މިއަދު ހަވީރު 4:00ގައި ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް އެމްއޭސީއެލްގެ ވެރިން ހާޒިރުކުރަން ވަނީ ނިންމައިފައެވެ.

ސީްޕލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގެ މައްސަލަ ފެންމަތިވެފައިވަނީ މިހާތަނަށް އެއާޕޯޓުގެ އެއްވެސް ތަނެއް ދީފައި ނުވާހާ ހެޔޮ އަގެއްގައި ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ. އަދި ޓީއެމްއޭ އާއި މަންޓާ އެއާގެ ބޭފުޅުން ކޮމިޓީއަށް ހާޒިކު ކުރަނީ އެކަމުގައި އެތަންތަނުގެ މަސްލަހަތު އޮތް ބޭފުޅުން ތިއްބެވި ކަމަށް އޭސީސީގެ ރިޕޯޓެއްގައި ފާހަގަ ކޮށްފައި ވަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، އާ ސީޕްލޭން ޓާމިނަލް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާ ކުރި އިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންނާއި، ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ މަސްލަހަތު އޮންނަ ކަމަށެވެ.

އެކަމުގައި އެބޭފުޅުންގެ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ ބައެއް ފަރާތްތަކާއި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު ވެސް އެކުންފުނިތަކުގައި އޮންނަ ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

"28 ނޮވެމްބަރު 2017ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީޕްލޭން އޮޕަރޭޓަރުންނަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ، އަކަމީޓަރަކަށް މަހަކަށް 10.35 ޑޮލަރުގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާ ކުރިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަ ކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަންކަން އެނގޭ،" އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ފަރާތްތަކުގެ މަަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާ ކަން އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީން ބުނީ މި މައްސަަލައާ ގުޅގެން އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެމްއޭސީއެލަށް އަންގާފައިވާ ކަމަށެވެ.