ކޮވިޑް 19

ކޮރޯނާވައިރަސް: ދިހަ މިލިޔަން މީހުން މަރުވެދާނެ ކަމުގެ އިންޒާރު ބިލްގޭޓްސް ދެއްވައިފި

މިންހާ ފާއިޒް ރަޝާދު

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އެފްރިކާއަށް ފެތުރުމާއެކު 10 މިލިޔަން މީހުން މަރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

ބިލް ގޭޓްސްއަކީ ގްލޯބަލް ހެލްތު ޕައިނިޔާއެއްވެސް މެއެވެ. ސިއާޓެލްގައި އޮތް އޭއޭއޭސް ބައްދަލުވުމުގައި ބިލް ގޭޓްސް މިގޮތަށް ވާހަކަދެއްކެވިތާ މާ ގިނަ އިރެއްނުވެ އިޖިޕްޓުން ވެސް ވަނީ ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް ފެނިފައެވެ.

ބިލް ގޭޓްސް ވިދާޅުވި ގޮތުގައި އެފްރިކާގެ ސަހަރުތަކަށް ކޮރޯނާވައިރަސް ފެތުރިއްޖެ ނަމަ އެކަން ހައްލު ކުރަން ވަރަށް އުނދަގޫ ވާނެ އެވެ. އެ ހިސާބުތަކަކީ ފަސޭހައިން ބޭސްފަރުވާ ކުރެވޭ ތަންތަން ނޫން ކަމަށާއި ސިއްހަތު މޮނިޓާ ކޮށް ވައިރަސް ކޮންޓްރޯލް ކުރެވޭނެ އެއްވެސް ވަސީލަތެއް ވެސް އެހިސާބުގައި ނެތް ކަަމަށް ބިލް ގޭޓްސް ވިދާޅުވިއެވެ.

މިމަހު ކުރީކޮޅު ބިލް ގޭޓްސް އާއި އަނބިކަބަލުން މެލިންޑާ ގޭޓްސް ވަނީ ކޮރޯނާ ވައިރަސް ރެސްޕޮންސް ޓީމަށް 100 މިލިޔަން ޑޮލަރު ހަދިޔާކުރައްވާފަ އެވެ. އެއީ ބަލި ޑިޓެކްޓް ކުރުމާއި، އައިސޮލޭޝަނާއި، ބަލީގެ އެކި ޓްރީޓްމަންޓަކަށް އެހީވުމުގެ ގޮތުން ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން މެދުވެރިކޮށް ދެއްވި އެހީއެކެވެ. ހާއްސަކޮށް އެފްރިކާ އާއި ސައުތު އޭޝިއާއަށް އެ ފައުންޑޭޝަނުން އިސްކަމެއް ދޭކަމަށް ބުނެފައިވާއިރު، ވެކްސިން އުފެއްދުމާއި، ބޭސް ތައްޔާރު ކުރުމާއި ބަލި ދެނެގަތުމަށްވެސް އެހީވާނެ ކަމަށް ވަނީ ބުނެފައެވެ.