ހޮލީވުޑް ސީރީޒް ލޫސިފާ ދައްކަން ފެށީއްސުރެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ފޮކްސް ޗެނަލުން އެ ސީރީޒް ދެއްކުން ހުއްޓާލުމާއެކު ފޭނުން ވަނީ އިތުރަށް ކުރިއަށް ގެންދިޔުމަށް އެދި ހިޔާލު ފާޅުކޮށްފައެވެ. ފޭނުންގެ އެ އެދުން ފުއްދައިދިނީ ނެޓްފްލިކްސް އިންނެވެ. އެގޮތުން ލޫސިފާގެ ސީޒަން ހަތަރެއްގެ ދިހަ އެޕިސޯޑް އެކީ ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސްގެ އެކްސްކުލޫސިވެއްގެ ގޮތުގައެވެ.
މީގެ ކުރިން ސީރީޒްގެ ސީޒަން ފަހެއް ވާނީ ފަހު ސީޒަނަށް ކަމުގައި ބުނި ނަމަވެސް، ފަހުން އެކި ނޫސްތަކުން ވަނީ އިތުރު ސީޒަންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ފޭނުން އަންނަނީ އިތުރަށް އުންމީދު ކުރަމުންނެވެ.
އެކަމު މިފަހަރު މިވަނީ ޝޯގެ ލިޔުންތެރިޔާ ލޫސިފާގެ ފަސްވަނަ ސީޒަންގެ ފަހު އެޕިސޯޑްގެ ނަން ހިއްސާކޮށްގެން އިތުރު ސީޒަންތަކަށް އުންމީދު ކުރަމުންދިޔަ ފޭނުންގެ ހިތްތައް ކަތިލާފައެވެ.
ލިޔުންތެރިޔާ ހިއްސާކުރީ ފަސްވަނަ ސީޒަންގެ ފަހު އެޕިސޯޑުގެ ނަމުގެ ފޮޓޯއެކެވެ. އެ ނަމުގައި އޮތީ "ނަތިން ލާސްޓް ފޯ-އެވާ" (އެއްވެސް ކަމަކީ އަބަދަށް ދެމިއޮންނާނެ ކަމެއް ނޫން). ކަމަށެވެ. މިއާއެކު ސީރީޒްގެ ފޭނުން އަންނަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށް ހިތާމަ ކުރަމުންނެވެ.
އެއްބަޔަކު، އެއީ ސީރީޒް ނިންމާލާ އެޕިސޯޑް ކަމަށް ގަބޫލު ނުކުރާނެ ކަމަށް ބުނަމުން އަންނައިރު އަނެއްބަޔަކު އަންނަނީ އިތުރަށް ކުރިއަށް ގެންދިޔުމަށް އެދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ޝޯގެ ފަރާތުންވެސް އަދި ނެޓްފްލިކްސްގެ ފަރާތުންވެސް ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.