ސިޔާސީ

ލާމަރުކަޒީ ނިޒާމު ނޭނގޭ ބަޔަކަށް އެކަން ތަންފީޒު ކުރަން ދިނުމަކީ މޮޔައަކަަށް ކަނޑިއެއް ދިނުންފަދަ ކަމެއް: ނަޝީދު

އަހުމަދު ވަޖީފު

1

ގައުމެއް ބިނާކުރުމުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން ފެށުނީއްސުރެ ނޭނގުނު ބަޔަކަށް އެކަން ތަންފީޒު ކުރަން ދިނުމަކީ މޮޔައަކަަށް ކަނޑިއެއް ދިނުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ފެށުނީއްސުރެ ދައްކަމުން އަންނަނީ އެ ޕާޓީން ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ޕިޕީއެމުން ކުރަމުން ގެންދިޔަ މަސައްކަތަކީ ލާމަރުކަޒީ ނިޒަމު ރޫޅާލުމާއި ކައުންސިލުތައް ނިކަމެތި ކުރުމާއި ބަންދުކުރުމާއި ރައްޔިތުންގެ އަތުން ބާރު ނެގުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

" މީއީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފިކުރެއް. މިއީ މި ޕާޓީން ބޭނުންވެގެން ވަކާލާތު ކުރަމުން އަންނަ ގޮތެއް. ލާމަރުކަޒީ ނިޒާމު ދަންނާނީ ވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް. އެހެން ބަޔަކަށް ނުވެސް އެނގޭނެ. އަޅުގަނޑުމެން މި ދައްކާ ވާހަކައެއް އޮޅުމެއް ނުވެސް ފިލާނެ. ގައުމެއް ބިނާކުރުމުގައި މި ނިޒާމުގެ މުހިންމުކަން ފެށުނީއްސުރެ ފާހަގަ ނުވާ ބަޔަކަށް މިކަމުގައި މަސައްކަތްކުރަން ދިނުމަކީ ހަމަ ކަނޑައެޅިގެން މޮޔައަކަށް ކަނޑިއެއް ދިނުން ފަދަ ކަމެއް." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމުގައި ތިބިއިރު ހުޅުމާލޭގައި ހުރީ 150 ގޭބީސީ ކަމަށެވެ. އަދި އެ ސިޓީގައި ތިބޭނީ އެ ޕާޓީގެ މެންބަރުންނާއި އެ ފިކުރުގެ މީހުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟