ކޮވިޑް 19

ކޮވިޑް - 19 : ބަލިން ރަނގަޅުވި އެންމެ ހަގު ކުއްޖާއަށް އެންމެ 67 ދުވަސް

މިންހާ ފާއިޒް ރަޝާދު

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ހަގު ކުއްޖާ ބަލި ރަނގަޅުވެ މިއަދު ގެޔަށް ފޮނުވައިފިއެވެ.

ޗައިނާ ޑެއިލީ އިން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ ޗައިނާގެ ގުއިޖޯ ހޮސްޕިޓަލުގައި ކޮރޯނާ ވައިރަސް ޖެހިގެން އެ ކުއްޖާ ފަރުވާ ހޯދާތާ 13 ދުވަސް ވެފައިވާ ކަމަށެވެ. އަދި ބަލި ރަނގަޅުވެގެން މިއަދު އެކުއްޖާ ވަނީ ގެޔަށް ދޫކޮށްލާފައެވެ.

އެންމެ 67 ދުވަހުގެ މި ކުއްޖާއަކީ ރެކޯޑުތަކުން ދައްކާ ގޮތުގައި މިހާތަނަށް ކޮރޯނާ ވައިސް ޖެހިގެން ރަނގަޅުވި އެންމެ ހަގު ކުއްޖާއެވެ.

ކޮވިޑް-19 ގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 1523 އަށް އަރާފައިވާއިރު 66887 މީހުނަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރެއިން 10757 މީހުން ތިބީ ކްރިޓިކަލް ސްޓޭޖުގައެވެ. މި ބަލިން 7720 މީހުން ވަނީ ރަނގަޅު ވެފައެވެ.

1716 ހެލްތުވޯކަރުން ޗައިނާއިން އެކަނި އިއްޔެ ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހަ މީހަކު މަރުވެފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.