ސިޔާސީ

މާލޭ ސިޓީގެ ކުނި ގޮނޑު ސާފުނުވި ބަޔަކަށް ރައްޔިތުންނަށް ދެވޭނެ ހިދުމަތެއް ނެތް: މެންބަރު ޝިޔާމް

މާލޭ ސިޓީގެ ކުނި ގޮނޑު ސާފު ނުވި ބަޔަކަށް ރައްޔިތުންނަށް ދެވޭނެ ހިދުމަތެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ހުޅުމާލޭ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގައި ޕީޕީއެމްގެ އެއްވެސް މެންބަރަކު ނެތް ކަމަށާއި ވީއިރު ރައްޔިތުންނަށް ހިދުމަތް ނުދެވެންވީ ސަބަބެއް ނެތް ކަަމަށެވެ. އަދި 174 ގޮޅި ހިމެނޭ ލޯކަލް މާރުކޭޓު ހެދުމުގައިވެސް ނުކުޅެދިފައިވާ ކަމަށާއި މާލޭގެ ކުނި ގޮނޑު ސާފުކުރަން ނޭނގުނު ބަޔަކަށް ރައްޔިތުންނަށް ހިދުމަތް ކުރަން ނޭނގޭނެ ކަމަށެވެ.

" އެމްޑީޕީ ސަރުކާރަކީ މާލޭ ސިޓީގެ ކުނި ގޮނޑު ސާފުކޮށް ނުލެވުނު ސަރުކާރެއް. ދެން ކޮން ރައްޔިތުންނަކަށް ތޯ ހިދުމަތް ކުރެވޭނީ؟ އަޅުގަނޑުމެންނަށް މި ފެންނަނީ މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓެއް ގޮތުގައި ހެންވޭރުކޮޅުގައި އަޅުގަނޑުމެން ނިކަން ރީތި، ނިކަން ހިތްގައިމު، ވަރަށް ބޮޑު ސިންގާ ޕްރޮޖެކްޓެއް ގެންނަން ނިންމައި ހުރިހާ ޕްލޭނެއް ކޮށްފަ އޮތް ބިމެއްގަ ދިހަވަރަކަށް، ބާރަވަރަކަށް ފަނަރަކަށް ފެންފޯ ރުއްޖަހާފަ ޕާކެއް ހުޅުވަން އުޅޭ ތަން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ހުޅުމާލެއަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށާއި އެ ސިޓީ ތަރައްގީ ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އަދި އޭރުގެ ސިޓީ ކައުންސިލުން ތަރައްގީގެ ކަންކަމަށް ހުރަސް އަޅާފައިވާ ކަމަށާއި މާލޭ ސިޓީއަށް ކުރީ ސަރުކާރުން ތަރައްގީ ގެނެސްފައި ވާނީ އެ ކައުންސިލްތަކާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން މާލޭ ސިޓީގެ ކައުންސިލަށް ކުރިމަތިލާން އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.