ޝަހީދާ އަބްދުﷲ ސައީދު
ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ހަމައެކަނި މަގާމުން ދުރުކުރުމަކުން ނުފުދޭނެ ކަމަށާއި، ކުރި އަމަލުތަކުގެ މައްޗަށް ބިނާކޮށް ދައުވާވެސް ކުރެވެންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު، އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޗެއާ ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވެ ވާހަކަދައްކަވާފައިވަނީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ސުއޫދު ވިދާޅުވީ ކުށެއް ނުކުރާ މީހެއްގެ މައްޗަށް ގަސްދުގައި ޓެރަރިޒަމްގެ ދައުވާ ކޮށް، މީހެއްގެ މައްޗަށް ގާނޫނުގައި ބުނެފައި ނެތް ކުށެެއް ސާބިތުކުރަން އުޅުމަކީ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށެވެ.
އަދި މީހެއްގެ މައްޗަށް އެމީހަކު ނުކުރާ ކަމެއްގެ ދައުވާ ސާބިތުކޮށް އެމީހަކު 18 އަހަރަށް ޖަލަށްލައި ވަރުގެ ކުށެއް ސާބިތުކުރުމުގައި އެހީތެރިވެދިނުމަކީ ވެސް އަދަބު ކަނޑައަޅަންޖެހޭ ވަރުގެ ކުށެއް ކަމަސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ކަންކަން އެހާހިސާބަށް ދިއުމުން ބިސާމް އެމަގާމުން ވަކިކުރަންޖެހޭނެ ކަމަށާއި، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް ތުހުމަތުތައް ކުރެވުމުން މާޒީގައި ނަމޫނާ ދައްކަވައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން ސުއޫދުގެ ވާހަކައިގައި ވަނީ ފާއިތުވެ ދިޔަ އަހަރު ތަކުގައި ބިސާމް ކުރައްވާފައިވަނީ ޝަރުއީ ނިޒާމު ގަޑުބަޑުވާފަދަ ކަންތައްތަކެއް ކަަމަށެވެ. އެގޮތުން ހާލަތާ މުނާސަބު ނޫން ވަރަށް ގިނަ ދައުވާތައް ކުރައްވާފައިވާކަން ފާހަގަކުރައްވާ ކުރީގެ ޕީޖީ މުހުތާޒު މުހުސިންއާއި، ގާޒީ ނިހާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ފާހަގަކުރެއްވިއެވެ.