ކުއްލި ޚަބަރު

މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އެރި މީހަކު މަރުވެއްޖެ

1

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު މެޔަށް ތަދެއް އަރައިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހއ. އުލިގަމު ބޭރުން 70 ނޯޓިކަލް މޭލު ބޭރުގައި ކަންނެލި މަސްވެރިކަން ކުރަން އުޅުނު "ނުޖޫމް 2" ނަމަކަށް ކިޔާ ދޯނީގައި ހުރި ށ. ފޯކައިދޫ/ ރަންކޮކާގެ، މުހައްމަދު ޔޫސުފް، 43 އ. އެވެ. އޭނާއަކީ އެ ދޯނީގެ ކެޕްޓަނެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނީގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން މިއަދު މެންދުރު 12:00 ޖަހާކަންހާއިރު ރިޕޯޓްކުރި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑޮކްޓަރަކާއެކު އޭނާ ބަލައި ފޮނުވީ ހއ. ދިއްދޫގައި އޮންނަ ސީ އެމްބިއުލާންސެވެ. އަދި އޭނާ ގޮވައިގެން އެމްބިއުލާންސް އެނބުރި ދިއްދޫއަށް ގޮސްފައިވަނީ އިރުއޮއްސި 6:00 އެހާކަންހާއިރުއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ، ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު ފޯކައިދޫއަށް ގެންދިއުމުގެ މަސައްކަތް އައިލާއިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟