ކ. މާފުށީގައި ހުރި ގުދަނެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މާފުށީ ގުދަނެއްގައި އަލިފާން ރޯވެގެން މިއަދު 9:12 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް "ވަން" އަށް ވިދާޅުވީ، ރޯވެފައިވަނީ މާފުށީ ކުޑަކުދިންގެ މަރުކަޒުގައި ހުރި ގުދަނެއްގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެމްއެންޑީއެފާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ރަށު ރައްޔިތުން ކުރި މަސައްކަތުން ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި އެ ގުދަނުގައި ހުރީ ކޮން އެއްޗިއްސެއް ކަމެއް ނޭނގެއެވެ.