އެންޓި ކޮރަޕްޝަން ކޮމިޝަން

ޓީއެމްއޭ މައްސަލަ: މަސައްކަތްކޮށްފައި ވަނީ ނާޖާއިޒް ފައިދާ ހޯދައިދޭން، ޖިނާއީ ތަހުގީގު ފަށައިފިން: އޭސީސީ

އިބްރާހިމް ޒަކީ

2

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި މަސައްކަތް ކޮށްފައި ވަނީ ވަކި އޮޕަރޭޓަރަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމަށާއި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައިފި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ ދާދި ދެންމެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. މި ނޫސް ބަޔާނުގައި އެ މައްސަލައާ ގުޅިގެން ފާހަގަ ކުރެވޭ ގިނަ ކަންތައްތަކެއް އޭސީސީން ވަނީ ހާމަ ކޮށްފައެވެ.

އޭސީސީން ބުނެފައިވަނީ، އެމްއޭސިއެލްއިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން ކުއްޔަށް ދޭން މިހާރު މަޝްވަރާ ކޮށްފައިވާ އަގަކީ، އެއާޕޯޓްގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ކުޑަ އަގެއްް ކަމަށެވެ. އަދި އިންޓަނޭޝަނަލް ޓާމިނަލުން ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަދަދާ އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކޮށް، އެކަމުން އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުމުގެ އދަދުވެސް އޭސީސީގެ ބަޔާނުގައި ވަނީ ހިމަނައިފައެވެ.

އޭސީސީގެ ބަޔާނުގައި ވާގޮތުން، އިންޓަނޭޝަނަލް ޓާމިނަލުން ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެ ބޮޑު އަގަކީ، 314.57 ޑޮލަރެވެ. އެންމެ ކުޑަ އަގަކީ އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރެވެ. ނަމަވެސް އެމްއޭސިއެލްއިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން ކުއްޔަށް ދޭން މިހާރު މަޝްވަރާ ކޮށްފައިވަނީ އަކަމީޓަރަކަށް 10.5 ޑޮލަރުގެ ރޭޓުންނެވެ.

އެ ހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު އަގުގެ ރޭޓުން 314.57 ޑޮލަރާ އަޅާ ބަލާއިރު، 10.5 ޑޮލަރަށް ކުއްޔަށް ދީފިނަމަ، އަަހަރަކު، 55 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް އެމްއޭސީއެލްއަށް ލިބޭނެ ކަމަަށް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެ އަދަދުން ބަލާއިރު 15 އަހަރު ދުވަހުގެ ތެރޭގައި 825.9 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެންމެ ކުޑަ އަގަށް ބަލާއިރު، އަހަރަކު 29.7 މިލިޔަނަށްވުރެ ބޮޑު ގެއްލުމެއް އަދި 15 އަހަރު ދުވަހުގެ ތެރޭގައި 446.7 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނެފައިވަނީ ސީޕްލޭން ޓާމިނަލާ ގުޅިގެން ބިނާކުރާ އެމްއާރުއޯ ފެސިލިޓީއަކީ 12،746 އަކަމީޓަރުގެ ފެސިލިޓީއެއް ކަމަށެވެ. އެއީ 5.4 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގާއިމްކުރާ ތަނަކަށް ވެފައި، އާ ސީޕްލޭން ޓާމިނަލަކީ މަލްޓި އޮޕަރޭޓަރުންނަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނަކަށްވާތީ، ދުނިޔޭގެ ފެންވަރުގައި އެމްއާރުއޯ ފެސިލިޓީއެއް ގާއިމްކޮށް އަކަމީޓަރަކަށް 10.5 ޑޮލަރުގެ ކުޑަ ރޭޓެއްގައި ވަކި ފަރާތަކަށް ދީފިނަމަ އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟