ދުނިޔޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ކަރަންޓީނުގައި މިވަގުތު ތިން މީހުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން ދެމީހުންގެ ކަރަންޓީނުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީނު މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިހާރު ކަރަންޓީނުގައި ތިބި ތިން މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން ކަރަންޓީނު ކުރި ތިން މީހުން ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ކަރަންޓީނުގައި ތިބި ތިން މީހުންނަކީވެސް ރާއްޖެ އައުމުގެ 14 ދުވަސް ކުރިން ޗައިނާއަށް ދަތުރުކޮށްފައިވާ ތިން މީހުން ކަމަށާއި ރާއްޖޭގެ ހުރިހާ އެއާޕޯޓަކާއި ސީޕޯޓްތަކުގައި ކަރަންޓީނު ކުރުމުގެ މަސައްކަތް ހަރުދަނާ ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސްކުރިން ޗައިނާ އަށް ދަތުރުކޮށްފައިވާ ހުރިހާ ދިވެހިންވެސް ކަރަންޓީނު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތެއް ނޫން ނަމަ އަދި އެ މުއްދަތުގައި ޗައިނާއަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެމީހަކަށް ރާއްޖެ ވަނުމުގެ ހުއްދައެއް ނުލިބޭނެ ކަމަށެވެ. މި ހުރިހާ މަސައްކަތެއްވެސް ކުރަނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިމަހު ތިިނަކުން މިމަހު 12 އާއި ދެމެދު އެކަނި ރާއްޖެއަށް އެއާޕޯޓު އަދި ސީޕޯޓުން އައި 60 ހާސް މީހުން ސްކްރީން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 3000 އަށް ވުރެ ގިނަ މީހުންނާއެކު ރާއްޖެއަށް އައި ކްރޫޒް ލައިނާއެއްގައި ތިބި އެންމެންވެސް ވަކިވަކިން ސްކްރީން ކޮށް، ފާއިތުވި 14 ދުވަހު ޗައިނާއަށް ދަތުރުކޮށްފައިވޭތޯ އޮޅުން ފިލުވާފައި ވާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ބަލި ފެނިއްޖެ ހަލާތެއްގައި ކަރަންޓީނު ކުރާނެ ތަނެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަތޮޅުތެރޭގައި ތިބި ސިއްހީ ދާއިރާގެ މީހުންނަށް މި ކަމާ ގުޅިގެން ދޭން ޖެހޭ މައުލޫމާތުތައް ދީ، ތަމްރީނުތައް ދިނުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ދުނިޔޭގައި ކޮރޯނާ ވައިރަސްގެ ހާލަތު ހުރިގޮތުގެ އަޕްޑޭޓެއް މިނިސްޓަރު ދެއްވިއެވެ. އެގޮތުން ޗައިނާގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ރަނގަޅުވާ މީހުންގެ އަދަދު ގިނަވަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ބައްޔަށް ޕޮޒިޓިވް ވާ މީހުން އަނެއްކާވެސް ފާއިތުވި ދެތިން ދުވަހު ޗައިނާގައި އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިން ދަތުރު ކުރާ ގައުމުތަކުގެ ތެރެއިން ސިންގަޕޫރު އަދި ތައިލޭންޑުގައި މި ބަލި ފެތުރެމުންދާ އަދަދު ގިނަ ވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ގައުމުތަކަށް ދަތުރު ކުރާއިރު ބަލިން ރައްކާތެރިވުމަށް އެގައުމު ތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ މިދުވަސްވަރު ނުކުރުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާގެ ކެރެލާ ސްޓޭޓުގައި އިއުލާނު ކުރި ހެލްތު އިމަޖެންސީ މިހާރު ނިމުމަކަށް ގެނެސްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މި ބައްޔާއި ގުޅިގެން އިންޑިއާއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.