ހޮލީވުޑް ފިލްމުތަކާ ސިރީޒްތައް ބަލާ ނަމަ، ބަތަލާ ޖެނިފާ އެނިސްޓަންގެ މަގުބޫލުކަން އޮޅިފައެއް ނޯންނާނެއެވެ.
ޖެނިފާ ހޮލީވުޑްގެ އެންމެ ކުރީގައި ދެގަރުނު ހޭދަކޮށްފައިވާއިރު އޭނާގެ އެންމެ މަގުބޫލު ސީރީޒަކަށް ވެގެން ގޮސްފައިވަނީ "ފްރެންޑްސް" އެވެ. ފްރެންޑްސްގެ އެންމެ ފަހުގެ އެޕިސޯޑް މީގެ 16 އަހަރު ކުރިން ދެއްކިނަމަވެސް އެސީރީޒް ވައިގައި ހިފާފައިވާ ވަރުން މިހާރު ވަނީ ފްރެންޑްސްގެ ރީޔޫނިއަން ސްޕެޝަލެއް އުފައްދާނެ ކަންވެސް އިއުލާންކޮށްފައެވެ.
ޖެނިފާ އަށް ވަނި ފްރެންޑްސް ސީރީޒުން އެކަނިވެސް ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ. އަދި ސީރީޒް ނިންމުމަށްފަހު މިއަދާހަމަޔަށްވެސް އޭނާއަށް ފްރެންޑްސް އިން އާމްދަނީ އަންނަނީ ލިބެމުންނެވެ.
10 އަހަރަށް ދެމިގެން ދިޔަ ފްރެންޑްސް ސީރީޒްގެ ފުރަތަމަ ސީޒަންގެ ޝޯތަކަށް ކާސްޓުންނަށް 22500 ޑޮލަރުގެ މުސާރައެއް ލިބުނެވެ. 24 އެޕިސޯޑުގެ މައްޗަށް އުފެއްދި ފުރަތަމަ ސީޒަނުން އެކަނިވެސް ޖެނިފާއަށް 540000 ޑޮލަރުގެ އާމްދަނީއެއް ފެރެންޑްސްއިން ލިބުނެވެ.
ދެވަނަ ސީޒަނުގައި ކާސްޓުންގެ މުސާރަ 40000 ޑޮލަރަށް ބޮޑުވެ މުޅި ސީޒަނުން ޖެނިފާއަށް 960000 ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެއެވެ. ތިން ވަނަ ސީޒަނުގައި ޖެނިފާއަަށް ވަނީ 1.875 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ފްރެންޑްސްއިން ލިބިފައެވެ.
ފްރެންޑްސްގެ އެންމެ ފަހު ސީޒަނުން ޖެނިފާއަށް ވަނީ 18 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެއީ ކޮންމެ އެޕިސޯޑަކަށް އެއް މިލިޔަންގެ ރޭޓުންނެވެ. މިއީ އަދި އެޕިސޯޑެއް ކުޅެގެން ކޮންމެ ކާސްޓަކަށް ލިބުނު ވަރު ނަމަވެސް މީގެ އިތުރުން ކާސްޓުންނަށް ރޯޔަލްޓީސް އާއި ބޯނަސްވެސް ލިބިގެންދެއެވެ.
ރޯޔަލްޓީ އަކީ ޓީވީ ނެޓްވޯކް ތަކުން ޝޯތައް އަލުން އޮންއެއާ ކުރާ ނަމަ ކާސްޓުންނަށް އިތުރަށް ލިބޭ އާމްދަނީއެކެވެ.
2000 ވަނަ އަހަރު ފްރެންޑްސްގެ ކާސްޓުން ވަނީ އެ ސީރީޒް ދައްކާ ކޮންމެ ފަހަރު އެމީހުނަށް ރޯޔަލްޓީ ލިބޭނެ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންކަމުން ފްރެންޑްސް ދައްކާތާ 16 އަހަރު ވެފައި ވާއިރު ޖެނިފާއަށް އަދިވެސް އެސީރީޒް ދައްކާ ކޮންމެ ފަހަރަކު އެއްމިލިޔަން ޑޮލަރުގެ ރޯޔަލްޓީއެއް ލިބޭ ކަމަށް ވެއެވެ.
ދެން އޮތީ ފްރެންޑްސްގެ ރީޔޫނިއަން ސްޕެޝަލްގެ ވާހަކައެވެ. އެ ޝޯއަށް ކޮންމެ ތަރިޔަކަށް ތިން މިލިޔަނާއި ހަތަރު މިލިޔަން ޑޮލަރާ ދޭތެރޭގެ އަދަދެއް ލިބޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޖެނިފާ ވަނީ މިހާތަނަށް 42 ފިލްމެއް ކުޅެފައެވެ. އޭގެ ތެރޭގައި މަގުބޫލު ފިލްމުތައް ކަމަށްވާ "ބްރޫސް އަލްމައިޓީ"، "މާލީ އެންޑް މީ"، "ދަ ބްރޭކް އަޕް"، "ޖަސްޓް ގޯ ވިތު އިޓް"، "ހޮރިބަލް ބޮސް"، "ވީއާ ދަ މިލާސް" ހިމެނެއެވެ. މި ފިލްމުތަކަށް ބޮކްސް އޮފީހުގައި 200 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ޖެނިފާ ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވާ ގިނަ ފިލްމުތަކެއް ވެސް ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 1997 އާއި 2011 އާއި ދެމެދު ޖެނިފާއަށް ވަނީ 75 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ފިލްމުތަކުން ލިބިފައެވެ. އެއީ ފިލްމަކަށް އަށް މިލިޔަން ޑޮލަރުގެ ނިސްބަތުންނެވެ.
ޖެނިފާ އަކީ މާކެޓިން ދުނިޔޭގައިވެސް މަގުބޫލު މޫނެކެވެ. އޭނާގެ އެންމެ ފުރަތަމަ އިސްތިހާރަކީ މައިކްރޯސޮފްޓަށް ކުޅެދިން އިސްތިހާރެކެވެ. އެއިސްތިހާރުގައި އޭނާއާއެކު ފްރެންޑްސްގެ ތަރި މެތިއު ޕެރީވެސް ފެނިގެންދެއެވެ. 60 މިނިޓްގެ އެ އިސްތިހާރަކީ ވިންޑޯސް 95 އޮޕަރޭޓިން ސިސްޓަމާ ބެހޭ އިސްތިހާރެކެވެ.
އޭގެ ފަހުން ލޮރިއޭލްގެ އިސްތިހާރާއި އެމިރޭޓްސްގެ އިސްތިހާރުތަކެއްވެސް ޖެނިފާ ވަނީ ކުޅެފައެވެ.
ޖެނިފާ ވަނީ 2010 އިން ފެށިގެން އެލިޒަބެތް އާޑެންގެ ބްރޭންޑާއެކު ހަ ސެންޓެއް ނެރެފައެވެ. އަދި 2012ގައި އޭނާ ވަނީ ހެއާ ކެއާ ބްރޭންޑް ލިވިން ޕްރޫފްގެ ޕާޓްނާޝިޕް ނަގާފައެވެ. އެ ކުންފުނި 2016 ގައި ވަނީ 60-75 މިލަން ޑޮލަރުގެ ކުންފުންޏަކަށް ވެގެން ގޮސްފައެވެ. ޖެނިފާ ވަނީ އެކުންފުނީގައި ހުރި އޭނާގެ ހިއްސާތައް ޔުނިލިވާއަށް ވިއްކާލާފައެވެ.
ސެލެބްރިޓި ނިއުސް ވޯތު އިން ބުނާ ގޮތުގައި ޖެނިފާ އެނިސްޓަންގެ ނެޓް ވޯތަކީ 300 މިލިޔަން ޑޮލަރެވެ. އެއީ ބްރޭޑް ޕިޓްގެވެސް ނެޓް ވޯތެވެ. މީގެ އިތުރުން އަހަރަކު 25-30 މިލިޔަން ޑޮލަރު ޖެނިފާ އާމްދަނީގެ ގޮތުގައި ހޯދައެވެ.