އިއްޔެ އަކީ ކޮރޯނާ ވައިރަސް ފެތުރެން ފެށުނީއްސުރެ އެންމެ ބިރުވެރި އެއް ދުވަހެވެ.
242 މީހުން ޗައިނާއިން އެކަނިވެސް އިއްޔެ މަރުވެފައިވާއިރު 14840 މީހުން ވަނީ ވައިރަހަށް އިއްޔެ ޕޮޒިޓިވް ވެސް ވެފައެވެ.
ޗައިނާގެ ހޫބެއި ޕްރޮވިންސުން ބުނެފައިވާ ގޮތުގައި އެ ސިޓީގައި އެއްޔެއާ އެއްވަރަށް އެހެން އެއްވެސް ދުވަހަކު މި ވައިރަސް މީހުންނަށް ޖެހިފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އެދިމާވި ހިތާމަވެރި ހާދިސާތަކަށްފަހު މިހާރު އެ ޕްރޮވިންސުގައި ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް އިތުރަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އިއްޔެ ހޫބެއިގައި މަރުވި މީހުން ހިމަނައިގެން މިހާރު ދުނިޔޭގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1360 އިން މައްޗަށް އަރައިފިއެވެ. އަދި މިބަލި ޖެހިފައި 60000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން މައުލޫމާތު ދެއެވެ.
މި މައްސަލައާއެކު ހޫބެއިގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ މަގާމުން ދުރުކޮށް ޝަންގްހާއީ ޕާޓީގެ ޗީފާ އެ ޕްރޮވިންސް ބެލެހެއްޓުން ޗައިނާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. މިހަފުތާގެ ކުރީކޮޅު އެތައް ސިއްހީ މާހިރުންނެއްވެސް ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.
ކޮވިޑް-19އަށް ފަރުވާ ހޯދުން އަވަސް ކުރުމަށް ޑަބްލިޔުއެޗްއޯއިން ވަނީ ހުރިހާ ރިސާޗަރުންނަށް އަންގާފައެވެ.