ހޮލީވުޑް

މަގުބޫލު ފިލްމު "ޕީއެސް އައި ލަވް ޔޫ" ގެ ސީކުއިލެއް ހަދަނީ

2007 ގައި ރިލީސްކޮށްފައިވާ މަގުބޫލު ހޮލީވުޑް ފިލްމު "ޕީއެސް އައި ލަވް ޔޫ"ގެ ސީކުއިލެއް އުފައްދާކަން ހާމަކޮށްފިއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ވެރައިޓީގައި ބުނެފައިވާ ގޮތުގައި ޕީއެސް އައި ލަވް ޔޫ ލިޔުނު ލިޔުންތެރިޔާ ސެސީލިއާ އޭގެ ސީކުއިލް ވާހަކައެއް ލިޔެފައިވާ ކަމަށާއި އެ ވާހަކައަށް ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށެވެ. ޕޯސްޓް ސްކްރިޕްޓްގެ ނަން ދީފައިވާ އެވާހަކަ ފޮތް މިމަހު 25ގައި ނެރުމަށް ވަނީ ހަމަޖައްސާފައެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ އެލްކޮން އެންޓައިޓެއިންމަންޓާއި ބްލެކް ލޭބަލް މީޑިއާ ގުޅިގެންނެވެ.

ޑިސެމްބަރު 2007ގައި ރިލީސްކުރި ފިލްމު ޕީއެސް އައި ލަވް ޔޫ ވަނީ 156 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

މި ފިލްމަކީ ހުވަފަތް ވެފައިވާ އަންހެނަކަށް އޭނާގެ މަރުވެފައިވާ ފިރިމީހާގެ ފަރާތުން ލިބޭ ސިޓީ ތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ސީކުއިލް ފެށިގެން ދަނީ ފިލްމުގެ ބަތަލާ ކައިރިން އޭނާގެ ކޮއްކޮ އެސިޓީތައް އޭގެ ހަތް އަހަރު ފަހުން ޕޮޑްކާސްޓެއްގައި ކިޔުމަށް އެދުމުންނެވެ.

ފިލްމުގެ ސީކުއިލެއް އުފައްދަން ނިންމާފައިވި ނަމަވެސް ރިލީސްކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ތަރިންގެ ތެރޭގައި ޖެރާޑް ބަޓްލާ، ލިސާ ކުޑްރޯ، ކެތީ ބޭޓްސް، ޖިނާ ޖޭޝޮން، ހެރީ ކޮނިކް ޖޫނިޔާ އަދި ޖެފްރީ ޑީން މޯގަން ފެނިގެންދާނެ ކަމަށް ވެއެވެ.