އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ މާލޭގައި ފެނުގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް: ޝާހު

އެމްޑަބްލިޔުއެސްސީގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ މާލޭގައި ފެނުގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށާއި މިހާރު ހުރީ އެންމެ ދުވަހެއްގެ ރިޒާވް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ކާރިސާއެއް ދިމާވިޔަސް، އަދި އެހެން ހާދިސާއެއް ދިމާވިޔަސް ފެނުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއްނެތި ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެންމެ ބޮޑު ޕްރޮޖެކްޓަކަށް މާލޭގައި ރޭވިފައި އޮތް އެއް ޕްރޮޖެކްޓަކަށް ވާނެ މާލޭގައި ފެނުގެ ރިޒާވެއް ގާއިމުކުރުން. ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންގެ އަތުގައި މިހާރު މި ހުންނަނީ ގާތްގަނޑަކަށް އެންމެ ދުވަހެއްގެ ރިޒާވެއް. އެއީ އެއްގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރިޒާވް އިތުރުކުރުމަށްޓަކައި ސަރުކާރުގައި ދަންނަވައިގެން މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑަބްލިޔުއެސްސީއަށް ބިމެއް ދެއްވާފައި ކަމަށާއި އެ ބިމަކީ ކުރިން އެސްޓީއޯގެ ރެޑީމިކްސް މަސައްކަތް ކުރަމުން އައި ބިން ކަމަށެވެ. އަދި އެތަނުގައި ފަސް ދުވަހުގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީ އޮތީ ކާރިސާތަކަށް ރަނގަޅަށް ތައްޔާރަށް ކަމަށާއި ކަރަންޓުން ފެން އުފައްދޭނެ ޕަވާ ބެކަޕެއް އެކުންފުނީގައި އެބަހުރި ކަމަށް ޝާހު ވިދާޅުވިއެވެ.