ކުޑަކުދިންގެ ހަބަރާއި މައުލުމާތު ހާމަކުރުމުގެ ގައިޑްލައިނާ އެއްގޮތަށް މީޑިއާތަކުން ހަބަރު ފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ
މީޑިއާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ހައްސާސީ މައްސަލަތަކަށް ވުމާއެކު އެފަދަ މައްސަލަތަކުގައި މީޑިއާތަކުގައި ހަބަރު ފެތުރުމުންދާ ގޮތުން އެކަމުން ނޭދެވޭ އަސަރު ތަކުރާރުވަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ކުދީންނަށް އިތުރު ގެއްލުންތައް ލިބި، އިތުރު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ.
މީޑިއާ ކައުންސިލުގެ ބަޔާނުގައި ވަނީ ގާނުނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނު)ގެ 54 ވަނަ މާއްދާގެ ދަށުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވާ ކުޑަކުއްޖާގެ ތަފުސީލުތައް މީޑިއާގައި ޝާއިއުކުރުމަކީ ހުއްދަކަމެއް ނޫން ކަންވެސް ހަނދާންކޮށްދީފަ އެވެ.
ކުޑަކުދީންނަށް އެކި ކަހަލަ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުން ރިޕޯޓުކުރާ މިންވަރު އިތުރުވެފައި ވާއިރު، އެފަދަ ހަބަރުތައް ރިޕޯޓު ކުރާ މީޑިއާތަކުން އެކުދީންގެ ހައްގުތައް ކަށަވަރުކުރުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް އަދި ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ. އެހެން ނަމަވެސް ސޯޝިއަލް މީޑިއާއާއި އެނޫން ވެސް ބައެއް މީޑިއަމްތަކުން ކުދީންގެ މައުލޫމާތާއި އެކުދީން އެނގޭނެ ފަދަ އެހެން މައުލޫމާތުތައް ތަކުރާރުކޮށް ހާމަކުރަމުންދާކަން ފާހަގަ ކުރެވެއެވެ.