ޓޮޓެންހަމް ހޮޓްސްޕާގައި އަދާކުރަނީ އުނދަގޫ ވަޒީފާއެއް ކަމަށާއި ނަމަވެސް އެކްލަބުގައި ހުރީ އުފަލާއެކު ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މައުރީސިއޯ ޕޮކެޓީނޯގެ ބަދަލުގައެވެ. ދަށް ނަތީޖާތަކުގެ ސަބަބުން އޭރު ޓޮޓެންހަމް ތާވަލުގެ ފަހަތުގައި އޮތް ނަމަވެސް، އެޓީމު މިހާރު ވަނީ ގަދަ ހަތަރަކަށް އެރުމާ ގާތަށް ޖެހިލައިފައެވެ.
ދާދިފަހުން މޮރީނިއޯ އާއި ޓޮޓެންހަމްގެ ބައެއް ކުޅުންތެރިންނާ މައްސަލައެއް ޖެހިފައިވާ ކަމަށް ވާހަކަތަކެއް ފެތުރިގެންދިޔައެވެ. މޮރީނިއޯ ގެންގުޅޭ ކުޅުމުގެ ސްޓައިލާ މެދު ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޓީމުގެ ތެރޭގައި މައްސަލައެއް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނަމުންދިޔަ ނަމަވެސް، މޮރީނިއޯ ވަނީ އެކަން ދޮގުކޮށްފައެވެ.
"ބައެއް މީހުން އެކަހަލަ ވާހަކަތައް ދައްކަނީ ހަބަރުތަކުން ފެންނަން ބޭނުންވާތީ. އަހަރެން ކްލަބުގައި މިހުރީ ވަރަށް އުފަލުގައި. މި ކްލަބުގައި އަހަރެން އަދާކުރާ ވަޒީފާއަކީ އުނދަގޫ ވަޒީފާއެއް،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ކުޅުންތެރިންނާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންނާއެކު އޮންނަ ގުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ގޯސް ނަތީޖާއަކާއެކު ހިތްހަމަނުޖެހުމަކީ އޭނާގެ ކިބައިން ބަދަލުނުކުރެވޭނެ ސިފައެއް ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.